ޗައިނާގެ ޒީޖިއަންގ ޕްރޮވިންސްގައި ޓަންގ ޖިއަން އަކީ މަޝްހޫރު މީހެކެވެ.
މިހާރު އުމުރުން 52 އަހަރުގެ ޖިއަން މަޝްހޫރުވީ އުމުރުން އެންމެ 36 އަހަރުގައި އެތައް ރެސްޓޯރެންޓެއް ހިންގާ ވެރިއެއްގެ ގޮތުގައި މިލިއަނަރަކަށް ވުމުންނެވެ. އޭނާ ވަނީ އެ ޕްރޮވިންސްގެ އެކި ސަރަހައްދުތަކުގައި ގިނަ ރެސްޓޯރެންޓުތަކެއް ހިންގާފައި އެވެ.
ނަމަވެސް ޖިއަން ދަރަނިވެރިވެ ބޭންކްރަޕްޓްވާން ދިމާވި މައިގަނޑު ސަބަބަކީ 2005 ވަނަ އަހަރު އެނާ އެއްކުރި ފައިސާއިން އެހެން ދާއިރާއެއްގައި އިންވެސްޓު ކުރަން ނިންމި ހިސާބުންނެވެ. ރިޕޯތުތައް ބުނާގޮތުގައި އޭނާ މަސައްކަތް ކުރީ އިންޖިނިއަރިން ވިޔަފާރީގެ ތެރެއަށް ވަންނާށެވެ.
އެކަމަށް ހިތްވަރުދިން މީހުން ވަނީ ރެސްޓޯރެންޓު ވިޔަފާރިއަށްވުރެ އިންޖިނިއަރިން ދާއިރާގައި އޭނާއަށް މާ ބޮޑަށް ކުރިއަރައިގެން ދެވޭނެ ކަމަށް ބުނެ ވާވައްދާލާފަ އެވެ. އެހެންވެ އެއް ފަހަރަށް ވުރެ ގިނައިން އެ ދާއިރާއަށް އިންވެސްޓު ކުރަމުން ދަނިކޮށް ބޭންކްރަޕްޓުވީ އެވެ.
އަދި 6.4 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ބޮލުގައި އެޅުނީ އެވެ. އޭނާ ވަނީ އެ ދަރަނި އަދާކުރުމަށް ކުރިން ހިންގި ހުރިހާ ރެސްޓޯރެންޓުތަކާއި އަމިއްލަ ގެތަކާއި ކާރުތައްވެސް ވިއްކާލާފަ އެވެ.
މިހާރު، ފުޑް ސްޓޯލެއް ހަދައިގެން މަގުމައްޗަށް ސޮސެޖު ވިއްކަން ނުކުންނަން ނިންމީ އެވަރުންވެސް ދަރަނި އަދާ ކުރެވޭވަރު ނުވެގެންނެވެ.
ޖިއަން ބުނީ ކޮންމެ މީހަކުވެސް އުފަން ވަނީ އެއްވެސް އެއްޗެއް ނެތް މީހެއްގެ ގޮތުގައި ކަމަށެވެ. އެހެން ކަމުން އަލުން ސުމަކުން މަސައްކަތެއް ފަށަން ބިރުގަންނަން ޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި ދަތި އުނދަގުލާއި ކުރިމަތިލާން ދަސްކުރަން ޖެހޭ ކަމަށާއި މަޑުމަޑުން އުނދަގޫތަކާއި ކުރިމަތި ލައިގެން ކުރިޔަށް ދެވޭނެ ކަމަށެވެ.
އޭނާއަށް ދިމާވި މި ހިތްދަތި ހާދިސާގެ ވާހަކަ މިހާރު ވަނީ އެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެތުރިފައި އެވެ. ހުރިހާ އެންމެން ހެން ދަނީ ޖިއަންގެ މަސައްކަތް ފާހަގަކޮށް، ހިތްވަރު ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!