މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން އެ ކުލަބުން ނިންމައިފިއެވެ.
ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ނިންމާފައުވާކަން ހާމަކޮށް މިރޭ އެ ކުލަބުން އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ދެފަރާތުން އެއްބަސްވާ ގޮތުގެ މަތީން މިހާރު ރޮނާލްޑޯއާއި ޔުނައިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށެވެ.
ޔުނައިޓެޑުން ވަނީ ދެ ފަހަރުގެ މަތީން ޔުނައިޓެޑަށް ރޮނާލްޑޯކުޅެ ކޮށްދީފައިވާ ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ރޮނާލްޑޯއަށާއި އޭނާގެ އާއިލާއަށް ކުރިއަށް އޮތްތަނުގައި ރަނގަޅު ގޮތް އެދޭކަމުގައި ޔުނައިޓެޑްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޔުނައިޓެޑުން ބުނެފައި ވަނީ އެ ޓީމުން ފޯކަސްހުރީ ދެންތިބި ކުޅުންތެރިންނާއި މިހާރުގެ ކޯޗް ޓެން ހާގްއާއިއެކު ކުރިއަށްގޮސް ރަނގަޅަށް މަސައްކަތްކޮށް ކާމިޔާބަށް ވާސިލް ވުން ކަމަށެވެ.
ރޮނާލްޑޯގެ އެއްބަސްވުން އުވާލަން ޔުނައިޓެޑުން ނިންމާފައި މިވަނީ ދާދިފަހުން އޭނާ ދިން ދިގު އިންޓަވިއުއެއްގައި އެ ޓީމްގެ ވެރިންނަށާއި ކޯޗަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ. ރޮނާލްޑޯ އެ އިންޓަވިއުގައި ބުނެފައިވަނީ މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބަށް ވާސިލްވާން މަސައްކަތް ނުކުރާ ކަމަށާއި، އެގޮތުން ކުލަބުގެ ކޯޗް ކަމުން ފާގަސަން ވަކިވިފަހުން އެ ކުލަބުގެ އިންފްރާސްޓަކްޗާރ ކުރިއަރުވަން ވެސް ކުލަބުން އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާކަމަށެވެ.
މީގެ އިތުރުން ރޮނާލްޑޯ ބުނެފައިވަނީ މިހާރު ކޯޗްގެ މަގާމުގައި ހުރި ޓެން ހާގް ރޮނާލްޑޯއަށް އެއްވެސް އިހުތިރާމެއް ނުކުރާ ކަމަށާއި، ވުމާއެކު އޭނާ ވެސް ކޯޗަށް އިހުތިރާމް ނުކުރާކަމަށެވެ.
ރޮނާލްޑޯ މިވަގުތު ހުރީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް ޕޯޗްގަލް ޓީމާއިއެކު ގަތަރުގައެވެ. އެ ޓީމްގެ ފުރަތަމަ މެޗު ކުޅޭނީ އަންނަ ބްރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ. ނުކުންނާނީ ގާނާއާއި ދެކޮޅަށެވެ.
ރޮނާލްޑޯ ޔުނައިޓެޑްގެ ޖޯޒީގައި އެންމެ ފަހުން މެޗެއް ކުޅެފައިވަނީ ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހުއެވެ. އެ މެޗުން އެސްޓަންވިލާ އަތުން ޔުނައިޓެޑް ވަނީ 3-1 ގެ ނަތީޖާއިން ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!