ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރު ގުޅިގެން މިހާރު ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ބާރުގަދަ ގޮވުންތައް ގޮއްވާލަން ބޭނުންކުރާ ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގާ ހައްޔަރުކުރެވުނު މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް ނެގުނު އެކްސްޕްލޯސިވް ކެމިކަލްކަމަށް ސައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް ޗެކް ކޮށްފައިވާ ކަމަށެވެ. އަދި އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭކަމަށް ދައްކާފައިވާ ކަމަށެވެ.

Ad
rt

މި ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑުގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތައް ކަމަށާއި މި ވައްތަރުގެ އެކްސްޕްލޯސިވްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި، މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެކަމުގައި އެ ބަޔާނުގައި ފުލުހުން ވިދާޅުވި އެވެ.

"އެ މާއްދާތައް ހިމެނޭކަމަށް ދެއްކި ސާމްޕަލްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރަށް ތަހުލީލުކުމުގެ މަސައްކަތް ކުރަމުން މިހާރުދަނީ ކުރަމުން." ފުލުހުންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ހައްޔަރުކުރެވުނު މީހުންގެ ގެތަކުންނާއި، އެ ފަރާތްތައް ބޭނުންކުރަމުންދާ ބައެއް ގެތަކާއި، ބައެއް ވެހިކަލްތަކާއި، ޑިންގީއެއް ބަލައިފާސްކޮށްފައިވާ ކަމަށާއި މައްސަލައާއި ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫ ސިޓީއާއި މާލެއާއި ކ. ގުރައިދޫން ޖުމްލަ 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ މި އެންމެންނަކީ ވެސް، ގިނަބައެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ މީހުން ކަމަށް ފުލުހުން ކުރިން ވިދާޅުވެފައި ވެއެވެ.

މި މީހުންގެ ތެރެއިން 5 މީހެއްގެ ބަންދަށް 15 ދުވަސް، 4 މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، 5 މީހެއްގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 46 އަހަރާއި ދެމެދުގެ ދިވެހި ފިރިހެނުން ނެވެ.

ފުލުހުން ކުރިން ވިދާޅުވެފައިވަނީ އޭގެތެރެއިން 10 މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީން ކަމަށާއި މާލެއިން ދެ މީހުން އަދި ގުރައިދޫ އިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބަންދުގައިވާ އެންމެންނަކީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތާއި ސިފައިން ގުޅިގެން ހިންގާ މި އޮޕަރޭޝަން އައްޑޫ ސިޓީގައި އަދިވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން ވިދާޅުވެ އެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވި އައްޑޫ ސިޓީގެ ބައެއް ގޭގޭގެ އިތުރުން ހައްޔަރުކުރި މީހުންގެ ގެންގުޅޭ ބައެއް ތަކެތި ވެސް ދަނީ ބަލާ ފާސްކުރަމުން ކަމަށާއި މި އޮޕަރޭޝަންގައި ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ ބައެއް ތަންތަން ބަލާ ފާސް ކުރާނެ ކަމަށެވެ.