ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް ޑީގައި ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ޑެންމާކް ވޯލްޑް ކަޕާއި ކުރިމަތިލާފައި ވަނީ ވަރަށް ފޯމެއްގައި އޮވެއެވެ. މިގޮތުން ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އެ ޓީމުން ވަނީ އެންމެ މެޗެއް ފިޔަވާ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެ ޓީމް ހިމެނުނު ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ނަމަވެސް މިރޭ ޑެންމާކަށް ޓިއުނީޝިއާގެ މައްޗަށް ކުރި ނުހޯދުނެވެ.
މެޗުގެ ބޮޑުބައި ޑެންމާކުން ޑޮމިނޭޓް ކުރި ނަމަވެސް މި މެޗުގައި ޓިއުނީޝިއާއިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވާލާފައި ވަނީ ޓިއުނީޝިއާއިންނެވެ. އެ ޓީމްގެ އިސާމް ޖެބަލީ ފޮނުވާލި ނުރައްކާތެރި ހަމަލާ ޑެންމާކްގެ ކީޕަރު ޝުމައިކަލް ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޑެންމާކުން ވަނީ ޓިއުނީޝިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ފަހު ހާފުގައި ކައިރިކައިރީގައި ޑެންމާކުން ހަމަލާތަކެއް ފޮނުވާލިއިރު އޭގެ ތެރެއިން އެ ހަމަލާ ވަނީ ޓިއުނީޝިއާގެ ގޯލަށް ވައްދާލާފައެވެ. ނަމަވެސް އެ ލަނޑު ބަލައިނުގަތީ އޮފްސައިޑް ވުމުންނެވެ.
ޑެންމާކުން ވަނީ މެޗުގެ 70 ވަނަ މިނެޓުގައި ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ކޯނަރަކުން ތަނަވަސް ވީ ފުރުޞަތެއްގައި އެ ޓީމްގެ އަންޑްރެއަސް ކޯނޭލިއަސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މުބާރާތުގައި މިރޭ އަދި ދެ މެޗް ކުޅޭނެއެވެ. މިރޭ 21:00 ގައި މެކްސިކޯއާއި ޕޮލެންޑް ވާދަކުރާނެއެވެ. މިއީ ގްރޫޕް ސީގެ މެޗެކެވެ. މިރޭ ދަންވަރު 00:00 ގައި ފްރާންސް ނުކުންނާނީ އޮސްޓްރޭލިއާއާއި ދެކޮޅަށެވެ. މިއީ ގްރީޕް ޑީގެ މެޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!