ގަތަރު ގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު، ފުޓްބޯޅައިގާ ދުނިޔޭގެ ގަދަބާރެއް ކަމަށްވާ، އާޖެންޓީނާ އާ ދެކޮޅަށް ކުޅެ، ސައުދީ އަރަބިއާ އިން ކުރި ހޯދައިފި އެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ސައުދީން ކާމިޔާބުކުރީ ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް އާޖެންޓީނާ އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން ނެވެ.

Ad
rt

މުބާރާތުގެ ފޭވްރިޓުންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ އިން ވަނީ މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ލަނޑެއް ޖަހައި ލީޑު ނަގާފަ އެވެ. މި ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ލައިނަލް މެސީ އެވެ.

މިލަނޑާއެކު މެސީ ވެގެން ދިޔައީ ވޯލްޑްކަޕްގެ ހަތަރު މުބާރާތުގައި ލަނޑު ޖެހި އާޖެންޓީނާގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މި މެޗުގައި އާޖެންޓީނާ އިން ވަނީ 28 ވަނަ މިނެޓުގައި ވެސް ލަނޑެއް ޖަހާފަ އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ލަޓޫރޯ މާޓިނޭޒް ޖެހި މިލަނޑު، ވީޑިއޯ އެސިސްޓަންޓް ރެފްރީން ވަނީ އޮފްސައިޑް ކަމަށް ނިންމަވާފަ އެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖަހާނެ ފުރުސަތުތައް އާޖެންޓީނާއަށް ލިބުނުނަމަވެސް ކާމިޔާބުވާގޮތެއް ނުވި އެވެ.

ދެވަނަ ހާފުގައި ސައުދީން ވަނީ ތަފާތު ކުޅުމެއް ދައްކާ، އާޖެންޓީނާ ހޫނުފެނަށް ވައްޓާލާފަ އެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު އެތައް ފަހަރަކު ހޯދާފައިވާ މެސީ އަށް މި ހާފުގައި ހުންނަންޖެހުނީ ހަދާނެގޮތް ހުސްވެފަ އެވެ.

ދެވަނަ ހާފް ފެށިތާ ތިން މިނެޓުގެ ތެރޭގައި ސައުދީއަށް ލަނޑެއް ޖަހައި، ނަތީޖާ އެއްވަރުކޮށްދިނީ ސަލާހް އަލް ޝެހްރީ އެވެ. އަދި 53 ވަނަ މިނެޓުގައި ސަލާމް އަލްދައުސަރީ ވަނީ ސައުދީއަށް އިތުރު ލަނޑެއް ޖަހައިދީ، ސަޕޯޓަރުން އުފަލުން ރޮއްވާލާފަ އެވެ.

މި މުބާރާތުގައި މިރޭ އިތުރު ތިން މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެއީ އިރުއޮއްސި 6 ޖަހާއިރު ކުޅޭ ޑެންމާކް އަދި ޓިއުނީޝިއާ މެޗާއި 9 ޖަހާއިރު ކުޅޭ މެކްސިކޯ އާއި ޕޮލެންޑް މެޗެވެ. އަދި ފްރާންސް އާއި އޮސްޓްރޭލިއާ ބައްދަލު ކުރާ މެޗު ފަށާނީ ދަންވަރު 12 ޖަހާއިރު އެވެ.