ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އެމެރިކާއާއި ވޭލްސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ އެމެރިކާއިންނެވެ. މި ލަނޑު 36 ވަނަ މިނެޓުގައި ކްރިސްޓިއަން ޕްލިސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޓިމޮތީ ވިއާއެވެ. މިއީ ވިއާ އެމެރިކާ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ޓިމޮތީ ވިއާއަކީ ލައިބީރިއާގެ ރައީސް އަދި އެ ގައުމުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާގެ ދަރިފުޅެވެ. ޖޯޖު ވިއާ އަކީ އެފްރިކާގައި އެފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޖޯޖް ވިއާ ވަނީ 1995 ގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރެރިޔާއަށް ދޭ ބެލެންޑިއޯ އެވޯޑް ވެސް ހޯދާފައެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ވޭލްސް އިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ނަމަވެސް މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކުރެވިފައި ވަނީ މެޗުގެ ފަހު ދިހަ މިނެޓްގެ ތެރޭ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ކެޕްޓަން ގެރެތު ބޭލްއެވެ.
ވޭލްސްއަށް ޕެނަލްޓީ ލިބިފައި ވަނީ އޭރިއާ ތެރެއަށް އާރޮން ރަމްސޭ ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ބޭލް އަށް އެމެރިކާގެ ޑިފެންޑަރު ވޯލްކާ ޒިމާމަން ކުރި ފައުލަކާއި ގުޅިގެންނެވެ.
މި ގްރޫޕުން ކޮންމެ ޓީމެއް އެއް މެޗު ކުޅެފައިވާއިރު، ތިން ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ އިންގްލެންޑެވެ. ދެވަނާގައި އޮތް ވޭލްސްއަށާއި ތިންވަނާގައި އޮތް އެމެރިކާއަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އިރާނެވެ.
މުބާރާތުގައި މިއަދު ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މެންދުރު ފަހު 15:00 ގައި އާޖެންޓީނާ ނުކުންނާނީ ސައުދީ އެރެބިއާއާއި ދެކޮޅަށެވެ. އިރުއޮއްސި 18:00 ގައި ޑެންމާކާއި ޓިނުނީސިއާ ބައްދަލުކުރާއިރު، މިރޭ 21:00 ގައި މެކްސިކޯ ނުކުންނާނީ ޕޮލެންޑާއި ދެކޮޅަށެވެ. މިރޭ ދަންވަރު 00:00 ގައި ފްރާންސާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗު ވެސް ކުޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!