ހަރަދު ކުރެވޭނީ ދައުލަތަށް އާމްދަނީ ލިބޭވަރަކުން ކަމަށާއި ބަޖެޓް ސިޔާސީ ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އަންނައަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ސަލީމް ވިދާޅުވީ މިއުޅެނީ "އެ ސަރުކާރު، މި ސަރުކާރު" ކިޔަން ނޫން ކަމަށާއި ހަރަދު ބޮޑުވީމާ އޭގެ ނޭދެވޭ އަސަރު ކުރާނީ އެންމެންނަށް ކަމަށެވެ. އަދި މިއީ ޖީއެސްޓީ ބޮޑުކުރަން އެންމެރަނގަޅު ވަގުތު ނޫންކަން ވެސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އިންފްލޭޝަން މައްޗަށްދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މީގެކުރީގައި ފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކުން ކޮންމެމަހެއްގެ 20 ވަނަ ދުވަހާއި ހަމައަށް ދަރަނި ފޮތުގައި ނުޖަހާ ވިޔާފާރި ކުރަމުން އައި ކަމަށެވެ. ނަމަވެސް އެފަދަ މީހުންނަށް މިހާރު ވިޔަފާރި ކުރެވެނީ 10 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

"ކުރިން ފިހާރަތަކުން ކޮންމެ މަހެއްގެ ވިއްސާ ހަމައަށް ވިޔަފާރިކުރޭ. ދަރަނި ނުޖައްސާ. އެކަމަކު ދަންނަވަންތޯ އިއްޒަތްތެރި ރައީސް، މިހާރު 10 ވަނަ ދުވަހަށް ދާއިރު، އޮންނަނީ ދަރަނިވެފަ. ދެން ނަގާނީ ދަރަނީގެ ގޮތުގަ. އެއްފިހާރައިން އަނެއް ފިހާރައިން ނަގާނީ. އެހެންވީމަ މިއީ ޓެކްސް ބޮޑުކުރަން އެންމެރަނގަޅު ވަގުތު ތޯ އިއްޒަތްތެރި ރައީސް" ސަލީމް ވިދާޅުވި އެވެ.

ހަމަމިއާއެކު ގައުމެއް ބަނގުރޫޓު ވަނީ އެގައުމެއްގެ ފައިސާ ނެތިގެން ނޫން ކަން ފާހަގަކުރައްވާ އޭނާ ވަނީ އަވަށްޓެރި ސްރީލަންކާ އިން މިސާލު ނަންގަވާފަ އެވެ.

އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރު ކޮށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކޮމިޓީން ބަޖެޓު ފާސް ކޮށްފައިވަނީ މި ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު އެވެ. 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

މަޖިލީހުން އަމާޒު ހިފާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުގެ ހުރިހާ މަސައްކަތެއް ނިންމެވުމަށެވެ.