ރާއްޖޭގެ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ސަރުކާރުން ކުރަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާ ގައި ވާހަކަ ދައްކަވަމުން ނެވެ.
ޑރ. ހުސައިން ވިދާޅުވީ އެންމެ މުހިއްމު ކަމަކީ ފޮރިން އިންވެސްޓްމެންޓްތަކުން އަމިއްލަ މީހުންނަށް ޖާގަ ދީ އެކަން ކުރެވޭނެ ގޮތް ހަދައިދިނުން ކަމަށެވެ. އަދި ސަރުކާރުން ގަސްތުކުރައްވާފައިވަނީ ވެސް އެކަން އެގޮތަށް ކުރެއްވުމަށް ކަމަށެވެ. އަދި މި ބަދަލުތައް ގެނައުމަށް ވަގުތުނަގާނެކަން ފާހަގަކުރެއްވިނަމަވެސް އޭނާ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން އެކަން ކުރައްވާނެ ކަމަށެވެ.
"ފެސިލިޓީ އަޕްގްރޭޑް ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ޕްރައިވެޓް ސެކްޓަރަށް މަސްވެރިކަމުގެ ސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށް އެމީހުންނަށް މަސްވެރިކަމުގެ ސިނާއަތުގައި އިތުރު ޖާގަ ހުޅުވޭނެ ގޮތް ހަމަޖައްސައިދިނުމަކީ ވެސް ސަރުކާރުގެ ސިޔާސަތެއް." އޭނާ ވިދާޅުވި އެވެ.
ބާނާ މަހުން ބޮޑު ފައިދާއެއް ކުރާނީ މަތީ އަގު ލިބޭ އުފެއްދުންތައް އުފައްދައި، އެކްސްޕޯޓް ކުރަން ފެށުމުންކަން ފާހަގަކުރައްވާ ޑރ. ހުސައިން ވިދާޅުވީ އެންމެ ބޮޑަށް މަސްބާނާ ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް، ރަނގަޅު ކުރެވިފައިނުވާ ކަމަށެވެ. އަދި އިތުރު ކާރުހާނާ ވެސް އެޅިފައެއް ނެތްކަން ފާހަގަކުރެއްވި އެވެ.
މިފްކޯގެ ފެސިލިޓީ އަޕްގްރޭޑް ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށާއި ޕްރައިވެޓް ސެކްޓަރަށް މަސްވެރިކަމުގެ ސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށް އެމީހުންނަށް މަސްވެރިކަމުގެ ސިނާއަތުގައި އިތުރު ޖާގަ ހުޅުވޭނެ ގޮތް ހަމަޖައްސައިދިނުމަކީ ވެސް ސަރުކާރުގެ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިން ބާނާ މަހަށް މަތީ އަގު ހޯދުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމާއި ގުޅޭގޮތުން ވެސް ޑރ. ހުސައިން ވަނީ އަލިއަޅުވާލައްވާފަ އެވެ.
އެގޮތުން 2011 ވަނަ އަހަރު ތެރޭގައި އެންމެ ކުޑަކޮށް ތަރައްގީވެފައި އޮތް ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުވުމުން، ޔޫރަޕުން ލިބެމުން ދިޔަ ޑިއުޓީ އިނާޔަތްތައް ހުއްޓާލިކަން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ޑިއުޓީ ދެއްކުމުގައި ޔޫރަޕިއަން ޔޫނިއަނާއި އިނގިރޭސި ވިލާތާއެކު ވާހަކަ ދެކެވެމުްނދާ ކަމަށާއި އެ ވާހަކަތަކުގެ ތެރެއިން އިނގިރޭސި ވިލާތާއެކު މިހާރު ވަރަށް ބިނާކުރަނިވި ވާހަކަތަކެއް ދެކެވެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!