ރަށްރަށުގައި ހިނގާ ތަރައްގީގެ މަސައްކަތްތަކާއި މިސަރުކާރުގެ ހިދުމަތް ރައްޔިތުން ބަލައިގަންނަކަމަށް މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ އިން ގެނެސްދޭ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް އަތޮޅުތަަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުން އެމަންޒަރު ފެންނަކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުން ނުކުމެ ރައީސްއަށް މަރުހަބާ ދަންނަވާ ސަބަަބަކީ އެއީކަމަށެވެ.

Ad
rt

"ރައީސް ސާލިހު ރަށްރަށަށް ވަޑައިގަތީމަ ރައްޔިތުން ނުކުމެ، މަރުހަބާ ދަންނަވަނީ، ރައްޔިތުން އެކަންކަން ބަލައިގަންނާތީ. އެރަށްރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އަދުގެ ސަރުކާރުން ކުރައްވާ މަސައްކަތްތައް ބަލައިގަންނާތީ." މޫސަ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް އޮތުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެމްޑީން ވަނީ ރައްޔިތުންނަށް ރަން ޒަމާނެއް ގެނެސްދީފައިކަން ފާހަގަކުރައްވާ، އެ ޕާޓީ އުފެއްދެވުމުގައި ވެސް އިސްދައުރެއް އަދާކުރައްވާފައިވާ މޫސަ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ރައީސްއަށް ވަރަށް ފަސޭހަފުޅުކަމަކަށް ވާނެކަމަށެވެ.

މޫސަ މިމޭރުމުން ވަހަކަ ދެއްކެވިއިރު، އޭނާ ވަނީ މި މަހުގެ 8 ވަނަ ދުވަހު އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މޫސަގެ އެނބުރި ވަޑައިގަތުމަށް މަރުޚަބާ ދަންނަވައި ރައީސް ޞާލިޙް ވަނީ ޓްވީޓެއް ވެސް ކުރައްވާފައެވެ. އެ ޓްވީޓްގައި ރައީސް ވިދާޅުވީ މޫސާ މަނިކު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބުނު އިތުރު ހިތްވަރެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ގިނަ އަހަރުތަކެއް ވަންދެން އަދާކުރައްވާފައިވާ ރީކޯ މޫސަ މަނިކު އަލުން އެމްޑީޕީއަށް ސޮއިކޮށް، ފޯމް ޙަވާލުކޮށްފައިވަނީ މުލިއާގޭގައި ނޮވެމްބަރު 8 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.