ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓު މިއަދު ޢާންމުކޮށްފިއެވެ.
އެމްޑީޕީން ބުނިގޮތުގައި އެ ޕާޓީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
އެ ބޭފުޅުންނަކީ، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގޮތުގައި ހުންނެވި އަކްރަމް ކަމާލުއްދީން، މއ. އެވަރލާސްޓް / މާލެ ސިޓީ އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޙްމަދު އާދިލް، މ. އުނިމާ / މާލެ ސިޓީ އަދި ހެރިޓޭޖް މިނިސްޓްރީގެސީނިއަރ ޕޮލިސީ ޑިރެކްޓަރގެ މަގާމުގައި ހުންނެވި އަޙްމަދު ހާޝިމް، މިސުރުމާގެ ހދ. ވައިކަރަދޫ އެވެ.
މީގެ ތެރެއިން އަކްރަމް ވަނީ އެންމެފަހުން އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އޭނާ ނިސްބަތްވާ މާލޭގެ ދާއިރާއަކަށް ވާދަ ކުރައްވާފައެވެ. އާދިލް ވަނީ ދަނގެތި ދާއިރާއަށް ވާދަ ކުރައްވާފައެވެ. މި ދެ ބޭފުޅުންނަކީ އެ އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގަތް ދެ ބޭފުޅުންނެވެ.
މި އިންތިޚާބުގައި ވާދަކުރާ ހާޝިމް އަކީ ފެށުނީއްސުރެ އެމްޑީޕީއަށް ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި އިންތިޚާބުތަކުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް މަތިއުތުރު ޕްރޮވިންސްގެ ހިމެނޭ ތިލަދުންމަތީގެ ރަށްތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މަތި އުތުރު ޕޮރޮވިންސް އަށް ވޯޓު ލާނީ ހއ. ހދ. އަދި ށ އަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނެވެ. ކެނޑިޑޭޓުންގެ ތެރެއިން އެދާއިރާއަށް ވޯޓްލުމުގެ ހައްގު ލިބެނީ ހާޝިމް އަށް އެކަންޏެވެ.
އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ހުޅުވާލީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސް ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުން އެޕްރޮވިންސްގެ 200 އެމް.ޑީ.ޕީ މެންބަރުންގެ ތާއީދު އޮތްކަން އަންގައިދޭ ލިއުން ހުށަހަޅަންޖެހެއެވެ.
މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!