ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްހަލާއެއްގައި ފަސޭހަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ "ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އިފްޠިތާޙްކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ފަޒުނާ ވަނީ މުޖުތަމައުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާ އާއިއެކު، މި ޖަޒީރާގެ ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ގޮވައިލައްވާފަ އެވެ.
މީގެ އިތުރުން ކުދިން ބޮޑެތިވަމުން އަންނަ އިރު އެކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާ ހުނަރާއި ފޭޑިއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ފާހަގަކުރައްވާ ވިދާޅުވީ ކުދީންގެ ޅަފަތަކީ އެ ކުދީންގެ ކުރިމަގުގެ ބިންގާ ކަމަށެވެ.
އެހެންކަމުން ދަރީން ހެޔޮ ގޮތުގައި ބޮޑުވެ ދުނިޔޭގައި ހަމަޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އެ ކުދީންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމާއި އެދެވޭ ތަރުބިއްޔަތެއް ކަށަވަރު ކޮށްދިނުމަށް ވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފަ އެވެ.
މީގެ އިތުރުން މައިންބަފައިންގެ ވާޖިބު އަދާކުރުމުގައި މަންމައާއި ބައްޕައާ ދެމީހުން ނުވަތަ ކުއްޖާގެ ބެލެނިވެރިން އެކުއެކީ މަސައްކަތް ކުރުމަށާއި ވަކިން ހާއްސަކޮށް ކުދީން ފުރާވަރަށް އެރުމުން މައިންބަފައިންނާ ބެލެނިވެރިންގެ ޒިންމާ އަދި ވަކީން ބޮޑަށް މުހިންމުވާކަމުގައި ފާހަގަކުރެއްވެވި އެވެ.
ހަމަ އެއާއެކު ކުދިންނަށް އަބަދު ވެސް ލޯތްބާ އަޅާލުމާއެކު ރަނގަޅުގޮތްތައް ބުނެދީ ހެޔޮލަފާ ނަސޭހަތްދިނުމަށް އެދިވަޑައިގެން ވީޑިއޯ މެސެޖު ނިންމަވާލައްވަމުން ވަނީ މުޖުތަމައުގެ އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ، ދަރީން އުފާވެރިކަމާ ރައްކާތެރިކަމާއެކު ހެދިބޮޑުވެ އެ ކުދީންގެ ގާބިލިއްޔަތުގެ އެންމެ އުސްމިންތަކަށް ވާސިލުވުމަށް އެހީތެރިވެދެވޭނެކަމުގައި ވެސް ފާހަގަކުރައްވާފަ އެވެ.
"ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ފަޚުރުވެރި ދިވެހި އާއިލާ ބިނާކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަކައި އާންމު މަސްލަހަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާއީ ވެށްޓެއް ގާއިމްކުރުމަށް މަގުފަހިވެގެންދާނެ އެވެ.
މި ޕްރޮގްރާމުގެ މަގިސަދަކީ، ދަރީންގެ ޅައުމުރުގައްޔާއި ފުރާވަރުގައި، އެ ކުދީންގެ ތަރައްގީއަށް އިތުރު ހަރުދަނާކަމާއެކު އެހީވެދިނުމުގައި ބޭނުންކުރާނެ ހެޔޮތަރުބިއްޔަތުގެ ހުނަރުތައް މައިންބަފައިންނަށާއި ބެލެނިވެރިންނަށް ލިބިދީ ބާރުވެރިކުރުވުމާއި މައިންބަފައިންގެ އަމިއްލަ ދުޅަހެޔޮކަމަށްވެސް ސަމާލުކަންދޭނެ ގޮތްތައް އަންގައިދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!