ޓެކްސް ބޮޑުކުރުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުކަން ހާމަކޮށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓެކްސް ބޮޑުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އިތިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށެވެ.

Ad
rt

އަމީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވަށައިޖެހޭ ޓެކްސް ނިޒާމެއް އެކުލަވާލައި، އިންކަމް ޓެކްސްއާއި ޖީއެސްޓީ އަދި ޓީޖީއެސްޓީ ނަގަންޖެހޭ ގޮތް އިސްލާހުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިގުތިސޯދަށް އެތައް ގޮތަކުން ބޮޑެތި ގޮންޖެހުންތައް ދިމާވަމުންދިޔަކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ އެހެންވެ ދަރަނި ނަގަން ޖެހުނު ކަމަށެވެ. މިއާއެކު މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދަރަންޏަށް އިތުރުވީ 39 ބިލިއަން ރުފިޔާ ކަމަށެވެ.

"ދަރަނި ނަގައިގެން ކުރިއަށް ގެންދަނީ އިގުތިސޯދީ ގޮތުން މަންފާ ލިބޭނެ ބޮޑެތި މަޝްރޫއުތައް. ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން އިގުތިސޯދަށް ކުރިއެރުން ލިބޭނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ތިލަމާލެ ބުރިޖު، ގުޅިފަޅުގައި ތަރައްގީކުރާ ޕޯޓުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން މިހާރަށްވުރެ އެތައް ގުނައެއް އިގުތިސޯދު ކުރި އަރައިގެންދާނެ." އަމީރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ ބައެއް ފަރާތްތަކަށް ރާއްޖެއަށް އަންނަ ތަރައްގީގެ މަޝްރޫއުތައް ނުފެނުނު ނަމަވެސް، 2022 ވަނަ އަހަރާ ހަމައަށް އަންނައިރު، ރަށްތަކުގައި ފެނާއި ނަރުދަމާ ނެތުމަކީ ގައުމެއްގެ ގޮތުގައި ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިގުތިސޯދަށް މުހިންމު އިންޑަސްޓްރީއެއް ކަމަށްވާ ކޮންސްޓްރަކްޝަން ދާއިރާ ވެސް ސަރުކާރުން ކުރިއަށް ގެންދާ ހައުސިންގ މަޝްރޫއުތަކުގެ ސަބަބުން ކުރިއަރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.