ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަަސްތުވާތަކެއްޗާއި ހަލައްކައަށް ވުރެ ގިނަ ރުފިޔާ އާއެކު ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން މިހައިތަނަށް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވަ އެވެ.
މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވާކަން ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިތަކެތި އަތުލައިގަތީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މި ތަކެތި އަތުލާފައިވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލެ ގެސްޓްހައުސްއަކުން ކަމަށެވެ.
މި އޮޕަރޭޝަންގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 13.56 ކިލޯ ހުރިކަމަށާއި އެއާއެކު ކުށުގެވެށިން ހޯދި ފައިސާގެ އަދަދު 6،44،020 ރުފިޔާއަށް އަރާކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް ވެސް ސީޕީގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މަސްތުވާތަކެއް ދެކޮޅަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ އެކި ނެޓްވޯކްތަކުގެ ސްޓޮކްތައް އަތުލައި، އެތަކެތި ދައުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
މިގޮތުން ދާދިފަހުން ވެސް ވަނީ ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން ކާމިޔާބު އޮޕަރޭޝަނެއް ހިންގާފަ އެވެ.
މި އޮޕަރޭޝަންގައި ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދީ މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 13 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. އަދި ނޮވެމްބަރު 2 ވަނަ ދުވަހު ވަނީ ހޯޑެއްދޫ ކައިރި ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައި 69 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. އެހެންކަމުން މި އޮޕަރޭޝަންގައި 82 ކިލޯ މަސްތުވާތަކެތި ވަނީ ހޯދާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!