މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ޕޯޗްގަލުން ނައިޖީރިއާގެ މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައިފިއެވެ. މި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައި ނުވެއެވެ. މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލް ކޯޗު ފެނާންޑޯ ސަންޓޯސް ވެސް ވަނީ މި މެޗުގައި ރޮނާލްޑޯ ނުކުޅޭނެކަން ޔަޤީން ކޮށްދީފައެވެ. ރޮނާލްޑޯގެ އެ މެޗުގެ ކުރިން ބޭއްވި ފަރިތަކުރުން ތަކުގައި ވެސް ބައިވެރިވެފައި ނުވެއެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ނެތްނަމަވެސް ޕޯޗުގަލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 9 ވަނަ މިނެޓުގައި ޑަލޮޓްގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދީފައި ވަނީ ބްރޫނޯ ފެނާންޑޭޒްއެވެ. މެޗުގައި ޕޯޗުގަލުގެ ދެވަނަ ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ފެނާންޑޭޒްއެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ފަރަގު ކުޑަކުރަން ރަނގަޅު ފުރުޞަތެއް ނައިޖީރިއާއަށް ލިބިފައިވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަމިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރެވިފައި ނުވެއެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހުކޮޅު ޕޯޗުގަލުން ވަނީ އިތުރު ދެ ލަނޑުޖަހައި ފަރަގު ބޮޑު ކޮށްފައެވެ. އެ ޓީމްގެ ތިންވަނަ ލަނޑު ގުއެރޭރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ގޮންޒާލޯ ރާމޮސް ކާމިޔާބު ކޮށްދީފައިވާއިރު، މެޗުގެ 84 ވަނަ މިނެޓުގައި ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޖޯ މާރިއޯއެވެ.
ވޯލްޑް ކަޕްގައި ޕޯޗުގަލް އޮތީ ގްރޫޕް އެޗްގައެވެ. މި ގްރޫޕްގައި ޕޯޗުގަލްގެ އިތުރުން ދެން އޮތީ އުރުގުއޭ، ގާނާ އަދި ކޮރެއާއެވެ. ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހު ނުކުންނާނީ ގާނާއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!