އިނގިރޭސިވިލާތުގެ ސިޓީއެއް ކަމަށްވާ ލީޑްސް ގައި ދިރިއުޅޭ ޔޫސުފް ޝާހް އަކީ ވިސްނުންތޫނުކަމަށް މުޅި ދުނިޔެއަށް މަޝްހޫރު މީހުން ކަމަށްވާ އެއިންސްޓެއިން އާއި ސްޓީވަން ހޯކިންގް އަށް ވުރެ ވެސް އައި ކިއު ލެވެލް މަތި ކުއްޖެކެވެ.

ބްރިޓިޝް މެންސާ އައިކިއު ޓެސްޓްގައި، އުމުރުން އެންމެ 11 އަހަރުގެ މި ފިރިހެން ކުއްޖާ އަށް 162 ލިބުނެވެ. އައިކިއު ޓެސްޓަކީ ވިސްނުން ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޔޫސުފް ޝާހު، އައިކިއު ޓެސްޓު ހެދީ 18 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެގެންނެވެ.

Ad
rt

މިދިޔަ ހަފްތާގައި ބައިނަލް އަގުވާމީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި ޔޫސުފް ވަނީ އެ ޓެސްޓުން 162 މާކްސް ހޯދާފަ އެވެ. މިއީ ދުނިޔޭގައި ހިސާބު އިލްމަށް މަޝްހޫރު ސްޓެފަން ހޯކިން އާއި އެލްބާޓު އެއިންސްޓެއިން އަށް ލިބުނު މާސްކްއަށްވުރެ އިތުރު އަދަދެކެވެ. އެ ދެމީހުންނަށް ޔޫސުފާއި އެއް އުމުރު ފުރާއިން ބައިވެރިވެގެން ލިބިފައިވަނީ 160 މާކްސްއެވެ.

ޓެސްޓުން ލިބުނު ކުރިއެރުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޔޫސުފް ބުނީ އެ ޓެސްޓުގައި ބައިވެރިވީ ރަހުމަތްތެރިންގެ އެކަމަށް އެދި އޭނާ އަކީ ކިހާ ވިސްނުންތޫނު، މޮޅު ކުއްޖެއްކަން ދައްކާލުމަށް އެދެމުންދިއުމުން ކަމަށެވެ. އެކަަމަށް ހިޔާލު ކުރީންސުރެ އަޒުމަކަށް ވެފައި އޮތީ އެ ޓެސްޓުން އެންމެ މަތީ މާކްސް ލިބޭ ދެ ޕަސެންޓު މީހުންގެ ތެރޭގައި ހިމެނޭތޯ ބެލުމެވެ.

އޭނާ ބުނީ އެ ޓެސްޓު ހެދުމުން ލިބުނު ސެޓިފިކެޓުން ފަޚުރުވެރިވާ ކަމަށެވެ. ޔޫސުފް ބުނީ ސިކުނޑި ހިންގާލާ ކަހަލަ މަސައްކަތްތައް ކަމަށްވާ ޕަޒުލް ރޭވުމާއި ތަފާތު ޓެސްޓުތައް ހެދުމަކީ އޭނާ އެންމެ ކުރާހިތްވާ ކަންކަން ކަމަށެވެ.

ޔޫސުފް ބޭނުންވަނީ އޮކްސްފޯޑު ނުވަތަ ކޭމްބްރިޖް ޔުނިވާސިޓީން ހިސާބު އިލްމުގެ ދާއިރާއިން ކުރިޔަށްދާށެވެ.

ޔޫސުފްގެ މަންމަ ސަނާ ބުނީ ދަރިފުޅަށް ލިބުނު ކާމިޔާބުން ފަޚުރުވެރިވާ ކަަމަށާއި ޔޫސުފަކީ އެފަދަ ޓެސްޓެއްގައި އާއިލާއިން ބައިވެރިވި ފުރަތަމަ ކުއްޖާކަމަށެވެ. އެއީ އޭނާ ދުވަހަކުވެސް ހޯދާނެ ކަމަށް ގަބޫލު ކުރި މާކްސްއެއް ނޫންކަން ފާހަގަކޮށް ސަނާ ބުނީ އަބަދުވެސް ޓެސްޓު ހަދަން ހޯލަށް ދާނީ ގްރޫޕު ހަދައިގެން އެކުވެރިންނާއި އެކު ކަމަށެވެ.

އޭނަށްވުރެ ދޮށީ ކުދިންނާއި އެކު ބައިވެރިވުމުން އެ ކުދިންނަށްވުރެ މަތީ މާކްސްއެއް ލިބޭނެ ކަމަށް އާއިލާއިން ގަބޫލު ނުކުރެވޭ ކަމަށްވެސް ބުންޏެވެ. އައިކިއު ޓެސްޓުން އެއްވަނަ ހޯދުމުންވެސް ސަނާ ދަނީ ދަރިފުޅާއި މަޖާ ކުރުމުގެ ގޮތުން އޭނާއަށްވުރެ ބައްޕަ މާ މޮޅުވާނެ ކަމަށް ބުނަމުންނެވެ.

ޔޫސުފް ހޯދި ކާމިޔާބުވެފައިވަނީ އެ އާއިލާއަށް ލިބުނު ހިތްވަރަކަށެވެ. އަށް އަހަރުގެ ޔޫސުފްގެ ކޮއްކޮ ބުނީ ތަންކޮޅެއް ބޮޑުވުމުން އޭނާވެސް އެ ޓެސްޓު ހަދާނެ ކަމަށެވެ.

މީގެ ކުރިންވެސް 18 އަހަރުން ދަށުގެ އުމުރު ފުރާއިން 162 މާކްސް ބައެއް ކުދިން ހޯދާފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު އިންގްލެންޑްގައި ދިރިއުޅޭ އިންޑިއާ ނަސްލުގެ ރާއިގޯރީ ޕަވާރް އާއި މީގެ ތިން އަހަރު ކުރިން އިނގިރޭސި ވިލާތުގެ އައިލެސްބަރީ ހައި ސްކޫލްގައި ކިޔަވަމުންދާ 11 އަހަރުގެ އީރާނު އަންހެން ކުއްޖަކުވެސް ވަނީ ހަމަ މި މާކްސް ހޯދާފަ އެވެ.