ފެނަކަ ކޯޕަރޭޝަނުން ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ދޭން ފަށައިފިއެވެ.
ފެނަކައިގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ފެނަކައިން ބުނީ މިއަދުން ފެށިގެން އެ ހިދުމަތް ހޯދުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ހިދުމަތް ހޯދަން ހުށަހަޅަން ޖެހޭނީ އެ ކަމަށް އެދޭ ފޯމަކުންކަމަށް އެ ކުންފުނިން ބުންޏެވެ. އެ ފޯމު ފެނަކައިގެ ވެބްސައިޓުން ލިބޭނެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ އާބާދީގެ ބޮޑު ބައެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އިރު ހއ، ހދ، އަދި އައްޑޫގައި ވެސް އެ ހިދުމަތް ފެށުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ޙިދުމަތް ފެށުމުގެ ސަބަބުން މީޓަރު ޓެސްޓުކުރުމަށްޓަކައި ރައްޔިތުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، ފަސޭހަ ގޮތެއްގައި މީޓަރ ޓެސްޓްކުރުމުގެ ނިޒާމެއް ގާއިމުވެގެން ދާނެ. (2/2) pic.twitter.com/TnA7ldIWZs
— Fenaka Corporation Ltd (@TeamFenaka) November 17, 2022
އެ ހިދުމަތް ތައާރަފްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ޓެކްނިކަލް ސާވިސް އެންޑް ގްރީން އެނާޖީ ޑިޕާޓުމެންޓުގެ ޑިރެކްޓަރު އަހުމަދު ނަޝީދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ފެނަކަ އިތުރަށް ތަރައްގީވެގެން ދާނެ ކަމަށެވެ. އަދި އެ ހިދުމަތް ހޯދުމަށް އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައުމުން ވާދަވެރި މާހައުލެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ދޭން ފެށުން، ފޮޓޯ: ތިލަދުން
ފެނަކައިން ބުނީ މީޓަރު ޓެސްޓްކުރުމަށް ރިކުއެސްޓް ލިބޭތާ 3-6 ގަޑިއިރުގެ ތެރޭގައި މީޓަރު ޓެސްޓްކޮށް ނިމޭނެ ކަމަށް ފެނަކައިން ބުންޏެވެ. އަދި އެއް ގަޑިއިރު ތެރޭގައި މަދުވެގެން 75 މީޓަރ ޓެސްޓް ކުރެވިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.
ފެނަކައިގެ ޗެއާމަން މުހައްމަދު ރަޝީދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ފެނަކައިގެ ހިދުމަތްތައް އިތުރަށް ފުޅާވެ ފުރިހަމަވާނެ ކަމަށާއި މީޓަރު ޓެސްޓުކުރުމުގައި މިހާރު އާންމުންނަށް ދިމާވާ ދަތިތައް ހައްލުވާނެ ކަމަށެވެ.
މިއަދާ ހަމައަށް ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ދެމުން އައީ ސްޓެލްކޯއިން އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!