ބައިނަލްއަގްވާމީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް އައި.ޖީ.އެމް.އެޗުން ފާހަގަ ކުރަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ މިއަހަރުގެ މިދުވަހާއި ގުޅުވައިގެން، އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑިޕާޓްމަންޓާއި އަންހެނުންގެ ހާއްސަ ޑިޕާޓްމަންޓް ގުޅިގެން އެކިހަރަކާތްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން 17 ނޮވެންބަރު ވާ ބުރާސްފަތި ދުވަހުގެ ރޭ އެ ހޮސްޕިޓަލުގައި އެފަދަ ކުދިންގެ ބެލެނިވެރިންނަށް ބާއްވާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 18 ނޮވެމްބަރު ވާ ހުކުރު ދުވަހު ސޯޝަލް ސެންޓަރުގައި އާއިލީ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަޤްވާމީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.

ދުވަސް ނުފުރާ ވިހާ ކުދިންކަމަށް ބަލަނީ 37 ހަފްތާނުވެ އުފަންވާ ކުދިން ނެވެ. އެކުދިންނަށް ރަނގަޅު ފަރުވާތަކެއްދިނުމަށް އައި.ޖީ.އެމް.އެޗްގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެން.އައި.ސީ.ޔޫ) އާއި އެހެނިހެން ތަފާތު ޑިޕާޓުމަންޓްތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު އެން.އައި.ސީ.ޔޫގައި 633 ކުދިން އެޑްމިޓްކުރެވުނުއިރު، އޭގެތެރެއިން %36 ކުދިންނަކީ ދުވަސްނުފުރާ އުފަންވި ކުދިން ނެވެ.

ކުރިއަރާފައިވާ ގައުމުތަކާ އަޅާބަލާއިރު އައި.ޖީ.އެމް.އެޗްގެ އެން.އައި.ސީ.ޔޫގައި ދުވަސް ނުފުރާ އުފަންވާ ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރެވޭ ނިސްބަތް ރަނގަޅުކަން ފާހަގަކުރެވޭ ކަަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވި އެވެ.

2021 ވަނަ އަހަރަށް ބަލާއިރު، 28 ހަފްތާއާއި 32 ހަފްތާއާއި ދެމެދު އުފަންވާ ކުދިން ސަލާމަތްކުރެވުނު ރޭޓަކީ %86 އެވެ. އަދި 32 ހަފްތާއާއި 36 ހަފްތާއާއި ދެމެދު އުފަންވާ ކުދިން ސަލާމަތްކުރެވުނު ރޭޓަކީ %98 އެވެ. 2021 ވަނަ އަހަރު ފުރާނަ ސަލާމަތްކުރެވުނު އެންމެ ޅަކުއްޖަކީ 24 ހަފްތާގައި އުފަންވެފައިވާ ކުއްޖެކެވެ.