ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ ވައިގެ މަގުން ބްރެޒިލުން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މިތަކެތި އަތުލައިގަތީ މި ނޮވެންބަރު 9 ވަނަ ދުވަހު ކަމަށާއި އެއީ އުމުރުން 29 އަހަރުގެ މީހެއް ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވި އެވެ.
އެ އިދާރާ އިން ވިދާޅުވީ އެތަކެތި ފެނިފައިވަނީ އޭނާއާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކަސްޓަމްސް އިން ވިދާޅުވީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.460 ކިލޯ ހުރިއިރު ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 15,000,000.00 (ފަނަރަ މިލިއަން) ރުފިޔާއަށް އަރާ ކަމަށެވެ.
މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 10 ވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެވިފަ އެވެ.
މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!