ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގައި ދައުވާ ލިބުނު މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާ ކަމަށެވެ.
މި މައްސަލާގައި ބައެއް ހެކިންނަށް ބިރު ދެއްކުމުގެ ކަންތައްތަކެއް ހިނގާފައިވާ ދައުލަތުން ކުރިން ވިދާޅުވެފައިވާއިރު، ބައެއް ހެކިން ހެކިބަސް ދިނުމާ ގުޅިގެން ސިލްސިލާ މާރާމާރީތަކެއް ހިނގައިދިޔަ ކަމަށް ވެސް ދައުލަތުން ވިދާޅުވެފައި ވެއެވެ.
އޭނާ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 27 ގަ އެވެ. އެދުވަހުގެ ހަވީރު، ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދާ ބަޔަކު އެތަނަށް ވަދެ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީގެން ނެވެ.
އޭނާ މަރުވީ އެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން ނެވެ.
ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އެވެ.
މީގެ އިތުރުން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް ވަނީ އުފުލާފަ އެވެ.
ކްރިމިނަލް ކޯޓުން މިމަހު 14 ވަނަ ދުވަހު މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅުއްވާފައިވަނީ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތުމުން ނެވެ.
ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ފުރަތަމަ ހެކިބަސް ދިން ބައެއް މީހުން، ހެކިބަސް އަނބުރާ ގެންގޮސްފައިވާއިރު، ބައެއް ހެކިވެރިން ހެކިބަސް ދިނުމަށް ވެސް އުޒުރުވެރިވެފައި ވެސް ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!