އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

Ad
rt

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުން ނެވެ.

މި އިސްލާހުގައިވާގޮތުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާއިރު، މިހާރު 6 ޕަސެންޓުގައި ނަގަމުން އަންނަ ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުވާނެ އެވެ.

މި ބަދަލާއެކު ސަރުކާރުން ލަފާކުރައްވާފައިވަނީ ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެ ކަމަށެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ވެސް ވަނީ ލަފާކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޔޫރަޕާއި އެމެރިކާގައި އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޓްރަސްޓް ރޭޓްތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަން ފާހަގަކުރައްވާ އަމީރު ވަނީ މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުން މާލީ އެހީތައް ހޯދުމުގައި ވަރަށް ބޮޑަށް ދޮރުތައް ބަންދުވެފައިކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

މި ބިލު ފާސްވެ، ރައީސް ތަސްދީގު ކުރެއްވުމާއެކު އަންނައަހަރުގެ ޖަނަވަރީ މަހުން ފެށިގެން މުދަލާއި އާންމު ހިދުމަތުގެ އަގުން ނަގާ ޓެކުހާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުހުގެ އިންސައްތަ ބޮޑުވާނެ އެވެ.