މުޖުތަމަޢުގެ އާންމު އަހުލާގީ މިންގަނޑާ ހިލާފު މައުލޫމާތާއި ޚަބަރު ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހަނދާންކޮށްދެއްވައިފި އެވެ.
އެމްއެމްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ދިވެހި މީޑިއާގެ ހަމަތަކާ އަހްލާގީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ
ޚަބަރާއި މައުލޫމާތަކީ ސައްހަ، ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް ހަނދާންކޮށްދެއްވާ ކަމަށެވެ.
މީގެ އިތުރުން ސައްހަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށް ވެސް ވަނީ ހަނދާން ކޮށްދެއްވާފަ އެވެ.
އެމްއެމްސީގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނު އަސާސީން ލިބިދީފައި ވީހިނދު، އެ
މިނިވަންކަމުގެ ޙައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ހައްގެއްކަމުގައި ވެސް ރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، ނޫސްވެރިންނާއި މީޑިއާތަކުން އެ ހައްގު ބޭނުންކުރުމުގައި އެ ކައުންސިލުގެ ގާނޫނާއި ގަވާއިދަށާއި ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާއި އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ހަނދާންކޮށްދޭ ކަމަށް ވިދާޅުވެފައި ވެއެވެ.
އެ ގޮތުން ހާއްސަ ގޮތެއްގައި، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާ ނަމަ، އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ އެ ކައުންސިލުގެ ޤާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ހިލާފުކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ހަމަމިއާއެކު ޚަބަރު ފެތުރުމުގައި އެ ކަމެއްގައި ޝާމިލުވާ ހުރިހައި ފަރާތްތަކެއްގެ ވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމަށް އެ ކައުންސިލުގެ ގަވާއިދުން މީޑިއާތަކަށް ލާޒިމުކުރާ ކަންވެސް ވަނީ ހަނދާންކޮށްދެއްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!