ގދ. ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު އައްޑޫ ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.

އެގޮތުން، ވައިގެ މަގުން 4854 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކޯސްޓްގާޑު ޝިޕް ޣާޒީއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ގުޅިގެން ކަނޑުމަގުން 264 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Ad
rt

އެ އިދާރާއިން ވިދާޅުވީ މިހައިތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައި ނުވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ މި ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ކުރިންވިދާޅުވެފައިވަނީ އެއީ ގދ. ވާދޫ ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން ދަތުރުކުރަމުންދިޔަ އުޅަނދެއް ކަމަށެވެ. އަދި އެ އުޅަނދު ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ އެދުވަހުގެ 01:25 ހާއިރު ކަމަށެވެ.

ފަރެސްމާތޮޑާއިން ފުރައިގެން ދަނިކޮށް ބަންޑުން ޖަހައިލި އެ ލޭންޑިންގ ކްރާފްޓް ގެ ކައިރީގައި ވާދޫ "ސީ ވީޑް" ދޯނި ހަރަކާތްތެރިވެ، ތިން މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން އެދުވަހުގެ 16:10 ހާއިރު ގދ. ވާދޫއަށް ގެންދެވިފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ބަންޑުން ޖަހާލާފައިވަނީ "ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެއް ކަމަށެވެ. އެ އެ އުޅަނދު ބަންޑުންޖަހައިލީ ދިޔަވުމުގެ ސަބަބުން ކަމަށެވެ.