ބެލްޖިއަމްއަކީ ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތުން ވެސް ފެނުނު ޓީމެކެވެ. އުރުގުއާއީގައި 1930 ވަނަ އަހަރު ބޭއްވި އެ މުބާރާތުން ފެށިގެން މިހާތަނަށް ބެލްޖިއަމުން ވަނީ ޖުމުލަ 14 ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. ވޯލްޑް ކަޕުގައި ބެލްޖިއަމުން އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދައިފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އަދި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގައެވެ.
ބެލްޖިއަމް އެންމެ ވިދާލީ 2018ގައި ބޭއްވި ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ގްރޫޕު ސްޓޭޖު ވެސް ބެލްޖިއަމް ނިންމާލީ ކުޅުނު ތިން މެޗުން މޮޅުވެ، ގްރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. ގްރޫޕު ސްޓޭޖުގައި ބެލްޖިއަމުން ވަނީ ވަރުގަދަ އިންގްލެންޑު ވެސް ބަލިކޮށްފައެވެ. ގަދަ 16ގައި ބެލްޖިއަމުން ޖަޕާނު ބަލިކޮށް ކުއާޓާ ފައިނަލުގައި ނުކުތީ ވަރުގަދަ ބްރެޒިލްއާ ދެކޮޅަށެވެ. ކުއާޓާގައި ބްރެޒިލް ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް، ސެމީގައި ބަލިވީ އެ ފަހަރުގެ ޗެމްޕިއަންކަން ހޯދި ފްރާންސް އަތުންނެވެ. ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބެލްޖިއަމުން ވަނީ މުބާރާތުގައި ދެވަނަ ފަހަރަށް އިންގްލެންޑް ބަލިކޮށްފައެވެ.
ކޮލިފައިވީ ގޮތް
ބެލްޖިއަމް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕް ކޮލިފައިން ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ބެލްޖިއަމް ގުރޫޕުގެ އެއްވަނަ ހޯދީ ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބު ކޮށް ދެ މެޗު އެއްވަރުކޮށް ޖުމުލަ 28 ޕޮއިންޓާއި އެކުގައެވެ.
މުހިންމު ކުޅުންތެރިން
ކެވިން ޑިބްރެއިނާ

މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ކެވިން ޑުބްރެއިނާ އަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ އިތުބާރު މިޑްފީލްޑް ކުޅުންތެރިޔާއެވެ. ސިޓީގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިބްރެއިނާ ބެލްޖިއަމްގެ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުގައެވެ. އޭނާ ވަނީ 2014 އަދި 2018ގެ ވޯލްޑް ކަޕުގައި ކުޅެފައެވެ. ބެލްޖިއަމް ޓީމަށް މިހާތަނަށް 93 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ 25 ގޯލު ޖަހައިދީފައެވެ.
ރޮމެލޫ ލުކާކޫ

އިންޓަ މިލާނުގެ ފޯވާޑް ރޮމެލޫ ލުކާކޫ އަކީ ސަޕޯޓަރުންގެ މެދުގައި އެހާ މަގްބޫލު ކުޅުންތެރިއެއް ނޫނެވެ. އެކަމަކު އޭނާ އަންނަނީ ދަނޑުމަތީީގައި އެކަމަށް ޖަވާބުދެމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 18 ގޯލް ޖެހިއިރު ގައުމީ ޓީމަށް މިހާތަނަށް 68 ގޯލް ވަނީ ޖަހައިފަ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ބެލްޖިއަމްގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ 2014 ވަަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން 2018ގެ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. އެހެންކަމުން އޭނާ މިހާރު ގުނޭނީ ތަޖުރިބާކާރު ކުޅުންތެރިންގެ ލިސްޓުންނެވެ. ވަކިވަކި ހުނަރަށް ބަލާއިރު ލުކާކޫ ވެގެންދާނީ މި ފަހަރުގެ ވޯލްޑް ކަޕުން ވެސް ފެންނާނެ އެންމެ މޮޅު އެއް ފޯވާޑަށެވެ.
ކޯޗު

ކޯޗު ރޮބާޓޯ މާޓިނޭޒް ބެލްޖިއަމް ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. މާޓިނޭޒް ބެލްޖިއަމްގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރު ކުޅެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ބެލްޖިއަމް ކަޓައިގެން ދިއުމުން އޭރު ކޯޗަކަށް ހުރި މާކް ވިލްމޮޓްސް ކޯޗް ކަމުން ވަކިވުމުންނެވެ. މާޓިނޭޒް އާއި ޓީމު ހަވާލު ކުރީ އޭގެ ފަހުންނެވެ. ކްލަބު ކޯޗެއްގެ ގޮތުގައި ކާމިޔާބުތަކެއް ނުލިބުނަސް، ބެލްޖިއަމްގެ ގައުމީ ޓީމާ އެކު އޭނާ ވިދާލި އެވެ. މާޓިނޭޒް ވަނީ ނިމިގެން ދިޔަ 2018 ގެ ވޯލްޑް ކަޕު ސެމީފައިނަލަށް ބެލްޖިއަމް ގެނގޮސްދީފައެވެ. އެ މުބާރާތުގެ ތިންވަނަ ބެލްޖިއަމަށް ލިބުނެވެ.
މާޓިނޭޒް ގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ވަނީ މިހާތަނަށް 76 މެޗު ކުޅެފައެވެ. އޭގެތެރެއިން 55 މެޗު ކާމިޔާބުކުރިއެވެ. 12 މެޗު އެއްވަރުވިއިރު، ބަލިވީ އެންމެ ނުވަ މެޗުންނެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ބެލްޖިއަމް ހިމެނެނީ ކެނެޑާ، މޮރޮކޯ، ކްރޮއޭޝިއާއި އެކު ގުރޫޕް އެފް ގައެވެ. މި ގުރޫޕުގެ ފޭވަރީޓަކީ ބެލްޖިއަމްއެވެ. އެހެން ކަމުން މި ގުރޫޕުން ދެވަނަ ބުރަށް ދާނެ އެއް ޓީމަކީ ބެޖިއަމް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. މި ގުރޫޕަކީ ދެވަނަ ބުރަށް ދިއުމަށް ބެލްޖިއަމް އަށް އެހާ އުނދަގޫ ގުރޫޕަކަށް ނުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!