ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން އަންނަ ހޮނިހިރު ދުވަހު ސްމާޓްކޮމް ފެއާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ފެއާ އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހިޔާ ޕާކް ސަރަހައްދުގައެވެ.
މި ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާބެހޭ މައުލޫމާތު އެޗްޑީސީން ފޯރުކޮށްދޭނެއެވެ.
މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އެގޮތުން، މި ލަކީ ޑްރޯގައި ލިބޭ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗަކާއި، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބަ ރައުޓަރަކާއި، 1000 ރުފިޔާގެ އަގު ހުރި ވައުޗަރުތައް ހިމެނެއެވެ.
އެޗްޑީސީން ބުނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު އެ ފެއާ ބާއްވަން ނިންމާގައިވާ ކަމަށެވެ. މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރު ކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ފެއާގައި ސްމާޓް ސިޓީ ސޮލުޝަންތަކާބެހޭ މުހިންމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ މައުލޫމާތު، އަދި ސައިބަ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސްމާޓްކޮމް އަދި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު ޚިދުމަތްތައް ފެށިތާ އެއްއަހަރު ވުމާ ގުޅިގެން މުޖުތަމައަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް އެ ކުންފުނިން ދަނީ ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!