ރާއްޖެއަށް ދިމާވެގެން މިއުޅެނީ ރައީސް ނަޝީދަށް ވެރިކަން ނުލިބިގެން އުޅޭ މައްސަލަ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އޭނާ މިހެން ވިދާޅުވީ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ނަޝީދަށް ވެސް އަދި އެމަނިކުފާނުގެ ބާރު ހިނގާ ބަޔަކަށް ވެސް ދެން ވެރިކަން ދޭގޮތަށް ނޫން ކަމަށެވެ.

މެންބަރު އިސްމާއީލް ވިދާޅުވީ މިރާއްޖެއަށް ދިމާވެގެން މިއުޅެނީ ޗާގޯސް މައްސަލަ ނޫން ކަމަށާއި ޖެހިގެން މިއުޅެނީ ރައީސް ނަޝީދަށް ވެރިކަން ނުލިބިގެން އުޅޭ މައްސަލަ ކަމަށެވެ.

"ރައްޔިތުން ތިބީ މަނިކުފާނަށް ވެރިކަން ދޭގޮތަށް ނޫން." އިސްމާއިލް ވިދާޅުވި އެވެ.

ޗާގޯޒްގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފާހަގަ ކުރުމުގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތާއި ގުޅިގެން ފާޑިޔުންތައް ސަރުކާރަށް އަމާޒުވެފައިވަނީ ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށް ބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ނެވެ.

ޗާގޯސް މައްސަލައިގާ އިންޑިއާ ސަރުކާރުން، ދިވެހި ސަރުކާރާ މަޝްވަރާތަކެއް ކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު "ތިލަދުން" އަށް ވިދާޅުވެފައިވަނީ އެފަދަ މަޝްވަރާތަކެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް އިންޑިއާ ސަރުކާރާ ކުރަން ވެސް ނުޖެހޭ ކަމަށެވެ.

އެއީ ރާއްޖޭގެ ސިޔާދަތީ މައްސަލައެއް ކަމަށާއި މިކަންކަން ކުރިއަށް ގެންދަނީ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.