އުތުރު ތިލަފަޅު ޕްރޮޖެކްޓް (ޔޫޓީއެފް) ގެ ބަނދަރު ހެދުމަށް 2.9 ބިލިއަން ރުފިޔާއަށް، އިންޑިއާ ކުންފުންޏަކުން ބިޑު ކާމިޔާބުކޮށްފައިވާކަމަށް އިންޑިއާގެ ގިނަ ނޫސްތަކެއްގައި ރިޕޯޓް ކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އުތުރު ތިލަފަޅު ޕްރޮޖެކްޓް (ޔޫޓީއެފް) ގެ ބަނދަރު ހެދުމަށް ބިޑު ކާމިޔާބުކޮށްފައިވަނީ އެ ގައުމުގެ ރެއިލް ވިކާސް ނިގަމް ލިމިޓެޑް (އާރުވީއެންއެލް) އެވެ.
ބައިނަލްއަގުވާމީ މަޝްރޫއެއްގެ ބިޑު ކާމިޔާބު ކުރުމާއި އެކު، އެ ކުންފުނީގެ ހިއްސާގެ އަގު ވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ. މިޚަބަރު ރިޕޯޓު ކުރަން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. މިޚަބަރުތައް ގިނައިން ރިޕޯޓްކޮށްފައިވަނީ ކެޕިޓަލް މާކެޓްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުންނެވެ.
ސީއެންބީސީ ޓީވީ 18 ގައި ރިޕޯޓްކޮށްފައިވާގޮތުން، މި މަޝްރޫއު ހަވާލުކޮށްފައިވަނީ 1،545 ކަރޯޑު އިންޑިއަން ރުޕީސްއަށެވެ. އެއީ 190.18 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ދިވެހި ރުފިޔާއެވެ.
އެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއީ އިންޑިއާގެ ސްޓްރެޓީޖިކް ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
އާރުވީއެންއެލް އަކީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ރޭލްވޭސްގެ ދަށުން ހިންގާ ކެޓަގަރީ 1 ގެ ކުންފުންޏެކެވެ. އާރުވީއެންއެލްތަކުގެ މެންޑޭޓްގައި ހިމެނެނީ އިކުއިޓީގެ މިކްސްއެއް މެދުވެރިކޮށް އިތުރު ބަޖެޓަރީ ވަސީލަތްތައް މޮބިލައިޒް ކުރުމާއި، ބޭންކުތަކާއި މާލީ އިދާރާތަކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ފަދަ މަލްޓިލޭޓަރަލް އެޖެންސީތަކާއި ބައިލެޓަރަލް އެޖެންސީތަކުން ޕީޕީޕީ މެދުވެރިކޮށް ޕްރޮޖެކްޓް ހިންގުމަށް ލޯނު ހޯދުމާއި ރޭލް އިންފްރާސްޓްރަކްޗަރ އުފެއްދުމާއި ކެޕޭސިޓީ އިތުރުކުރުމާ ގުޅޭ ވިޔަފާރިތަކަށް ވަދެ، ފައިދާ ހޯދުމެވެ.
އުތުރު ތިލަފަޅުގެ "ސިފަވަރު"ގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ ބަނދަރަކާއި އިންޑިއާ ސިފައިން ތިބެގެން ހިންގާ ސާވިސް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާއެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ސޮއިކޮށްފައެވެ. މި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރްއެވެ.
[Industry Update]
RVNL wins new contract for development of UTF Harbour project in Maldives
Read here: https://t.co/3zIHOqg6jW#Maldives #MinistryofRailways #RailVikasNigamLimited #RVNL #UTF #MetroRailNews pic.twitter.com/eHioAzSZiK— Metro Rail News (@smmetrorailnews) November 14, 2022
މި އެއްބަސްވުމާ ގުޅިގެން ތަފާތު ވާހަކަތައް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ދެކެވިފައެވެ. އެގޮތުން، މިއީ ކުރީގެ ސަރުކާރުން ސޮއި ކުރަން ދެކޮޅު ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ހަތިޔާރު އެޅި ސިފައިންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. ނަމަވެސް މިވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
މި އެެއްބަސްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށްވެސް ހުށަހެޅިއެވެ. އެ ކޮމިޓީން ނިންމީ އެއްބަސްވުމުގެ ސަބަބުން ގައުމުގެ ސަލާމަތާއި ސިޔާދަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!