ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އަނިޔާދިނުމަށް ގޮވާލަމުންދާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެޕާޓީގެ އަންހެންނުންގެ ރޫހުގެ ރައީސް އަށް އިންޒާރުދީ އެކަމަނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާތީ އެކަމާ އެޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ، ސިޔާސީ ވާދަވެރިކަމުގެތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކާ އިޚްތިރާމާއެކު މުޢާމަލާތްކުރުމަށާއި، އެވާދަވެރިކަމުގެތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތްނުކުރުމަށް އިލްތިމާޞްކުރާކަމަށެވެ. އަދި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެންމީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަން އެންމެހައިބޭފުޅުންނަށް ހަދަމަފުޅުކޮށް އަރުވާކަމަށެވެ.
"މިޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫނެވެ. އަދި، ޤާނޫނުއަސާސީއިން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިންކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެއެވެ."
އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ އެޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެއްކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ އެޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާކަމެއްކަން ފާހަގަކޮށްފައިވެއެވެ.
މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެކަމެއްކަމަށްވެސް އެޕާޓީން ދެކޭކަމަށްވެސް ބުނެފައިވެއެވެ.
ރޮޒައިނާ އާދަމަށް އިންޒާރުދީ އެކަމަނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެޕާޓީން ގޮވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!