މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އިސް މީހާއާ އެކު، އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ.
2017 ވަނަ އަހަރު ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް އާއި ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި އާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން، އާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ މީހުންނާ ދެކޮޅަށް ހެކިބަސް ދިން މީހުން ފަހުން ހެކިބަސް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެ ކޯޓަށް ސިޓީ ފޮނުވާފައިވާތީ އެ ހެކިންގެ ހެކިބަހާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ.
މި މައްސަލާގައި ހެކިންނަށް ބިރުދެއްކުމާއި ހެކިބަސް ދިނުމާ ގުޅިގެން މާރާމާރީތަކެއް ހިންގި ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓެއް ވެސް ދައުލަތުން ހުށަހެޅި އެވެ. އަދި ބައެއް ހެކިން ކޯޓުގައި ހެކިބަސް ދޭން ބޭނުން ނުވާތީ އެ މީހުންގެ ތަހުގީގު ބަޔާންތަކަށް ރިއާޔަތްކުރަން ވެސް ދައުލަތުން އެދުނެވެ.
ކޯޓުން ނިންމީ އެގޮތަށް ނެހެދޭނެ ކަމަށެވެ. އަދި ތަހުގީގު ބަޔާނަށް ރިއާޔަތްކޮށްފި ނަމަ ގާނޫނާ ޚިލާފްވާނެ ކަމަށް ހުކުމުގައިވެ އެވެ.
ނަދީމަށް ހަމަލާދިން ކަމުގެ ތުހުމަތުކުރަނީ މަފާޒްގެ މައްޗަށެވެ. ދެން ތިބި މީހުންނަށް ކުރަނީ އެކަމުގައި އެހީތެރިވުމުގެ ތުހުމަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!