ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް، އެހެން ބަޔަކަށް ފައިސާ ނުދެވިގެން އުޅެނީ ޔޫތު މިނިސްޓްރީން، އެ އެސޯސިއޭޝަނަށް ފައިސާ ނުދީގެން ނޫން ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.
ގައުމީ އެސޯސިއޭޝަންތަކަކީ އަމިއްލައަށް ދަރަންޏަށް ޒިންމާވާ ގޮތަށް އުފައްދާފައިވާ ތަންތަންކަމަށާއި އެދަރަންޏާމެދު މިނިސްޓްރީން ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން ސްޓެލްކޯއަށް އެފްއޭއެމް އިން ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެފްއޭއެމް ހައުސް އިން މިދިޔަ އޮކްޓޯބަރު މަހު ކަރަންޓު ކަނޑާލާފައިވާއިރު، އެކަމަށް ރިޔާއަތް ކުރައްވާ ވަޒީރު ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ވެސް ބަލަމުންދާ ކަމަށެވެ.
ހަމަމިއާއެކު ފައިސާގެ ކަންކަން ވަރަށް އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން އެސޯސިއޭޝަނުން ވަރަށްފަހުން ދިން ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
އެފްއޭއެމްގެ އެއްވެސް ކަމަކަށް ސަރުކާރުން ނުވަތަ އެހެން ތިންވަނަ ފަރާތަކަށް ނުވަދެވޭއިރު، އެފަދައިން އަމަލުކޮށްފިނަމަ ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑްކުރާނެ ކަމަށް ފީފާގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމް މިހައި ނާޒުކުފައްތަރަކަށް ވެއްޓިފައިވާއިރު، ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށާއި، ބައެއް ކުލަބްތަކަށް ވެސް ދޭންޖެހޭ ފައިސާ ނުދޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އަބަދު ވެސް ފެންމަތިވަމުން އަންނަ ވާހަކަތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!