އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި އުދިނޭޒީ ބައްދަލުކުރި މެޗު ނަޕޯލީން ކާމިޔާބު ކޮށްފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން އުދިނޭޒީގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ލީގުގައި 15 މެޗު މިހާތަނަށް ނަޕޯލީން ކުޅެފައިވާއިރު، އެންމެ މެޗަކުން ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ. އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ކާމިޔާބު ކޮށްފައެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނަޕޯލީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 15 މެޗުން ލިބުނު 41 ޕޮއިންޓާއި އެކުގައެވެ. އެއް މެޗު މަދުންކުޅެ ދެވަނާގައި 30 ޕޮއިންޓާއިއެކު އޮތީ ލާޒިއޯއެވެ. ތިންވަނާގައި އޮތް މިލާނަށް ވެސް 14 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނާގައި ޔުވެންޓަސް އޮތީ 14 މެޗުން ލިބުނު 28 ޕޮއިންޓާއި އެކުގައެވެ. ނަޕޯލީ އަތުން ބަލިވި އުދިނޭޒީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ވަނީ 24 ޕޮއިންޓް ލިބިފައެވެ.
މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އުދިނޭޒީންނެވެ. ނަޕޯލީގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ އޭރިއާތެރޭ ހުރެ އުދިނޭޒީގެ ފޯވާޑް ޖެރާޑް ޑެލޯފް ފޮނުވާލި ހަމަލާ ނަޕޯލީގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ނަޕޯލީއަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ފޯވާޑް ވިކްޓަރ އޮސިމެންއެވެ. އޮސިމެން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ އެލްމާސް، އުދިނޭޒީގެ ގޯލު ކުރިމައްޗަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި ނަޕޯލީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ލޮޒާނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޒިއެލެންސްކީއެވެ.
ނަޕޯލީގެ ތިންވަނަ ލަނޑު 58 ވަނަ މިނޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެލްމާސްއެވެ. މެޗުގެ ފަހުކޮޅު އުދިނޭޒީން ވަނީ ނަޕޯލީ ކޮޅަށް ދެ ލަނޑުޖަހައި އެ ޓީމް ޕްރެޝަރަށް ވައްޓާލާފައެވެ. އުދިނޭޒީގެ ފުރަތަމަ ލަނޑު 79 ވަނަ މިނެޓުގައި އިސާކް ސަކްސެސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ނެސްޓޮރޮވެސްކީ ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސަމަރާޒިޗެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައު ވަނީ ނަޕޯލީގެ ޑިފެންސުން ހެދި ގޯހަކުން ތަނަވަސްވީ ފުރުޞަތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!