ޖަރުމަނު ލީގުގައި ރޭ ބްރޫސިއާ މޮންޗަންގްލަޑްބަކްއާއި ބްރޫސިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު މޮންޗަންގްލަޑްބަކްއިން ކާމިޔާބު ކޮށްފިއެވެ.
ރޭ މޮންޗަންގްލަޑްބަކްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޖުމްލަ ފަސް ލަނޑު ފެނިފައިވާއިރު، ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ މޮންޗަންގްލަޑްބަކްއިންނެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި ލާސް ސްޓިންޑިލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޯނަސް ހޮފްމަންއެވެ.
ނަމަވެސް މެޗުގެ 19 ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ބެލިންހަމް މޮންޗަންގްލަޑްބަކްގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލާފައި ވަނީ ހޫލިއަން ބްރަންޓްއެވެ.
މެޗުގައި މޮންޗަންގްލަޑްބަކްއަށް ދެވަނަ ފަހަރަށް ލީޑު ލިބިފައި ވަނީ 26 ވަނަ މިނެޓުގައި ބެންސިބައިނީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޑޯޓްމަންޑްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން، އެ ޓީމްގެ ހޮފްމަން ޑޯޓްމަންޑްގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެ ހަތަރު މިނެޓް ފަހުން މޮންޗަންގްލަޑްބަކް އިން ވަނީ އެ ޓީމްގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ސްޓިންޑިލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާކޮސް ތުރަމް ކާމިޔާބު ކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމްންޑްގެ ސޮލްޓަބެކް ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ.
މެޗުގައި މޮންޗަންގްލަޑްބަކް އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓްގެ ހޮފްމަން ތަނަވަސް ކޮށްދިން ފުރުޞަތެއްގެ ބޭނުން ހިފައި ކާމިޔާބު ކޮށްދީފައި ވަނީ ކޯނޭއެވެ.
ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެ ޑޯޓްމަންޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 6 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 15 މެޗުން 25 ޕޮއިންޓެވެ. ހަވަނާގައި އޮތް ޑޯޓްމަންޑާއި އެއްވަނާގައި އޮތް ބަޔާން މިޔުނިކާއި ދެމެދު މިހާރު 6 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މެޗުން މޮޅުވި މޮންޗަންގްލަޑްބަކް މިވަގުތު އޮތީ ތާވަލުގެ 7 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!