ސޯޝަލް މީޑިއާ ނެޓްވޯކް ޓިކްޓޮކްގައި ސަރުކާރު އޮފިޝަލަކަށް ޖޯކު ޖެހި ނައިޖީރާގެ ދެ ފިރިހެނުން ގައިގަ ހައްދު ޖަހަން ހުކުމް ކޮށްފި އެވެ.

މުހައްމަދު ބުލާ އާއި މުބާރަކު އީސާ މުހައްމަދު ކިޔާ އެ ދެ ޒުވާނުންނަކީ ނައިޖީރިއާގެ މަޝްހޫރު ޓިކްޓޮކް ތަރިންނެވެ. އެ ދެމީހުން ޖޯކު ޖަހައި ޓިކްޓޮކް ހެދީ އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ ކާނޯގެ ގަވަރުނަރު އަބްދުﷲހި ގަންޑޫޖީއަށެވެ.

Ad
rt

މި މައްސަލައިގަ ދެމީހުން ހައްޔަރު ކުރުމަށް ފަހު ދައުވާ އުފުލީ އަމާންކަމާއި އާންމު މަސްލަހަތު ނަގާލުމުގެ ކުށުގައި އެވެ. ދެމީހުން ވަނީ މި ދައުވާއަށް އިއުތިރާފުވެ، އެމީހުންނަށް މައާފުދީ ނުވަތަ ކުޑަ އަދަބެއް ދިނުމަށް އެދިފައި އެވެ.

އެކަމަކު ކޯޓުން ހުކުމް ކުރީ މުހައްމަދާއި މުބާރަކާއި ދެމީހުންގެ ގައިގަ 20 އެތިފަހަރުން ހައްދު ޖަހައި، 20 ޕައުންޑުން ޖޫރިމަނާކޮށްފައި އެވެ. އަދި 30 ދުވަސް ވަންދެން ކޯޓު ސާފު ކުރާށެވެ. މީގެ އިތުރުން ގަވަރުނަރުގެ ކިބައިން މައާފަށް އެދެންވެސް ހުކުމުގައި ވެ އެވެ.

ނައިޖީރިއާގެ ކާނޯ ސްޓޭޓަކީ މުސްލިމުންނަށް އިސްލާމީ ޝަރީއާ އާއި އެއްގޮތަށް ޝަރީއަތް ހިންގާ ސްޓޭޓެކެވެ. އަދި އެހެން ދީންތަކުގެ މީހުންނަށް ޝަރީއަތް ހިންގަނީ ތަފާތު ގާނޫނެއްގެ ދަށުންނެވެ.