އަންނައަހަރުގެ ދިރާސީ އަހަރު ފެށޭއިރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން ކަމަށް ތައުލީމާއިބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ބަޖެޓު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނެވެ.
އެގޮތުން ރާއްޖޭގެ ހުރިހައި ސްކޫލެއް ހިންގުމަށް ދިވެހި ޕްރިންސިޕަލުން ހަމަޖެއްސުމަކީ ރައީސްގެ މުހިއްމު އެއް ސިޔާސަތު ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ ކޮންމެ ރަށެއްގެ ސްކޫލްގައި ވެސް އެރަށަކަށް ނިސްބަތްވާ ދިވެހި ޕްރިންސިޕަލަކު ހަމަޖެއްސުން ކަމަށާއި މިގޮތަށް ހަމަޖެހިގެން ދިޔުމުގެ ސަބަބުން ރަށުގައި އޮންނަ އިޖުތިމާއީ ގުޅުމުގެ ތެރެއިން ކުދިންގެ ކަންކަން ހަމަޖެއްސުމަށް ފަސޭހަވެ، އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
"މިކަން ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މިންވަރަށް ތަމްރީން ލިބިފައިވާ ގާބިލު ޕްރިންސިޕަލުން ނުލިބުން. ރާއްޖޭގައި މިވަގުތު 218 ސްކޫލްގައި ދަނީ ކިޔަވައިދެމުން. އޭގެތެރެއިން ބައެއް ސްކޫލްތަކުގައި ތިބީ ބިދޭސީ ޕްރިންސިޕަލުން." ވަޒީރު ވިދާޅުވި އެވެ.
އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، އަތޮޅުތެރޭގައި ސްކޫލްތަކުގައި މިހާރު ތިބި ބިދޭސީ ޕްރިންސިޕަލުންގެ ބަދަލުގައި 18 ދިވެހި ޕްރިންސިޕަލުން ސްކޫލްތަކާއި ގުޅޭނެކަމުގެ އުފާވެރި ހަބަރާއެކު ވަޒީރު ވިދާޅުވީ މިއާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިވެހި ޕްރިންސިޕަލުން ހަމަވާނެކަމަށެވެ.
ހަމަމިއާއެކު ޕްރިންސިޕަލުންނަށް ވުމަށް 18 ބޭފުޅަކު ތަމްރީންވަމުން އަންނަކަމަށާއި އެ ބޭފުޅުން އޭޕްރީލް މަހު ރާއްޖެ އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!