ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ، ފުޓްބޯޅައިގެ ގަދަ ބާރު ޖަރުމަނުން މި މަހު ވިހިވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ދާނެ ޓީމް އެކުލަވާލައިފިއެވެ.
މިފަހަރު ޖަރުމަނުން އެކުލަވާލި ޓީމުގައި އަނިޔާގެ ސަބަބުން ޑޯޓްމަންޑަށް ކުޅެމުން އަންނަ މާކޯ ރެއުސްއާއި ލެއިޕްޒިގް އަށް ކުޅެމުން އަންނަ ޓީމޯ ވާނާ ހިމަނާފައި ނުވެއެވެ.
ނަމަވެސް ޖަރުމަނުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އިރު، ފައިނަލުގައި ލަނޑުޖަހައި ޖަރުމަނު މޮޅު ކޮށްދިން މާރިއޯ ގޮޓްޒާއަށް މިފަހަރު ކޯޗް ހެންސީ ފްލިކް ވަނީ ސްކޮޑުން ޖާގަ ދީފައެވެ. އޭނާއަށް ޖަރުމަނު ސްކޮޑުން ޖާގަ ލިބިފައި މިވަނީ ފަސް އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ.
ބްރޫޝިއާ ޑޯޓްމަންޑްގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 17 އަހަރުގެ ޔޫސުފާ މޫކޯކޯއަށް އަށް ޖަރުމަނު ވޯލްޑް ކަޕް ސްކޮޑުން ފުރުޞަތު ދީފައިވާއިރު، މިއީ އޭނާ ޖަރުމަނުގެ ސީނިއާ ޓީމްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
ޖަރުމަނު ޓީމަށް ބަލައިލާއިރު ކީޕަރުންގެ ގޮތުގައި ހިމްނާފައި ވަނީ ބަޔާން މިއުނިކްގެ މެނުއަލް ނޯޔާ، ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެންގެ އިތުރުން ފްރޭންކްފާޓްގެ ކީޕަރު ކެވިން ޓްރަޕެވެ.
ޑިފެންޑަރުންގެ ގޮތުގައި ޖަރުމަނު ޓީމަގައި ހިމަނާފައި ވަނީ ސައުތުހެމްޕްޓަންއަށް ކުޅެމުން އަންނަ އާމެލް ބެލާ-ކޯޗަޕް، ފްރައިބާގަށް ކުޅެމުން އަންނަ މަތިއަސް ގިންޓާ، ކްރިސްޓިއަން ގުއެންޓާ، ވެސްޓް ހޭމްއަށް ކުޅެމުން އަންނަ ތިލޯ ކޭރާ، ލައިޕްޒިގަށް ކުޅެމުން އަންނަ ލޫކަސް ކްލޮސްޓެމާން، ޑޭވިޑް ރައުމް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެންޓޯނިއޯ ރުޑިގާގެ އިތުރުން ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނީކޯ ޝްލޮޓަބެކް އަދި ނިކްލަސް ސޫލާއެވެ.
ޖަރުމަނު ޓީމްގައި މިޑްފީލްޑަރުންގެ ގޮތުގައި ހިމަނާފައި ވަނީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ހޫލިއަން ބްރަންޓް، ބަޔާން މިއުނިކަށް ކުޅެމުން އަންނަ ގޮޓްޒާކާ، ފްރޭންކްޓަށް ކުޅެމުން އަންނަ މާރިއޯ ގޮޓްޒާ، މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ގުންޑޮގާން، ބޮރޫޝިއާ މޮންޗަންގްލަޑްބަކްއަށް ކުޅެމުން އަންނަ ޖޯނަސް ހޮފްމަންގެ އިތުރުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކިމިޗް އަދި ޖަމާލް މުސިއާލާއެވެ
ޖަރުމަނު ޓީމުގައި ފޯވާޑުންގެ ގޮތުގައި ހިމަނާފައި ވަނީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ކަރީމް އަޑެޔޭމީ، ޔޫސުފާ މޫކޯކޯ، ވާޑާ ބްރެމެންއަށް ކުޅެމުން އަންނަ ނިކްލަސް ފުއެލްކްރަގް، ޗެލްސީއަށް ކުޅެމުން އަންނަ ކައި ހަވާޓްޒްގެ އިތުރުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސާޖް ގްނަބްރީ، ތޯމަސް މުލާ އަދި ސާނޭއެވެ.
ވޯލްޑް ކަޕްގެ ގުރޫޕް އީގައި ޖަރުމަނާއިއެކު އޮތީ ޖަޕާނާއި ސްޕެއިން އަދި ކޮސްޓަ ރީކާއެވެ. މުބާރާތުގައި ޖަރުމަން ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ޖަޕާނާ ދެކޮޅަށެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!