ސާބިއާ މިނިވަން ގައުމަކަށް ވުމުގެ ކުރިން، ފުޓްބޯޅައިގެ ތާރީހުގައި ގުޅިފައި އޮތީ ކުރީގެ ޔޫގޮސްލާވިއާ އަދި ސާބިއާ އެންޑް މޮންޓެނީގްރޯއާ އެވެ. ކުރީގެ ޔޫގޮސްލާވިއާ އިން ވަނީ ދެ ފަހަރު ވޯލްޑް ކަޕްގެ ހަތަރު ވަނަ މަގާމު ހޯދައިފަ އެވެ. އަދި ގިނަ އަހަރުތަކެއްގައި ވޯލްޑް ކަޕްގައި ވާދަކުރި އެވެ. ޔޫގޮސްލާވިއާގެ ފަހު ވޯލްޑް ކަޕަކީ 1998 ގެ މުބާރާތެވެ.
ޔޫގޮސްލާވިއާ ރޫޅުމަށް ފަހު، އުފެދުނު ސާބިއާ އެންޑް މޮންޓެނީގްރޯ އިން 2006ގެ ވޯލްޑް ކަޕްގައި ވާދަކުރި އެވެ. ސާބިއާ ވަކި ދައުލަތަކަަށް ވީ ފަހުން އެ ގައުމުން ވަނީ 2010ގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އަދި ޖެހިގެން އައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެގަމު ކޮލިފައިނުވެއެވެ. ނަމަވެސް 2018 ގެ މުބާރާތުގައި ސާބިއާ ވާދަކުރިއެވެ. ނަމަވެސް އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން އެތީމަށް ޖެހުނީ މުބާރާތާއި ވަކިވާށެވެ.
ކޮލިފައިވީ ގޮތް
ސާބިއާ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އަޖައިބުކުރުވަނިވި ނަތީޖާތަކެއް ނެރެގެންނެވެ. ގުރޫޕުގައި ހިމެނުނު ވަރުގަދަ ޕޯޗުގަލް އާއި އަޔަލެންޑް ފަދަ ގައުމުތައް ފަހަތައް ޖާސާލާފައެވެ. ސާބިއާ ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު އެ ޓީމުން ކާމިޔާބު ކުރިއެވެ. ދެމެޗުން އެއްވަރުވިއެވެ. މެޗަކު ބަލިވެފައެއް ނުވެއެވެ. ސާބިއާ އިން ގުރޫޕްގެ އެއްވަނަ ހޯދީ 20 ޕޮއިންޓާ އެކު އެވެ.
މުހިންމު ކުޅުންތެރިން
ޑުސާން ޓަޑިޗް

ސާބިއާގެ ގައުމީ ޓީމުގެ ކެޕްޓަން، ޑޫސަން ޓަޑިޗް އަށް 34 އަހަރު ފުރޭނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެއީ ވޯލްޑް ކަޕް ފުރަތަމަ ދުވަހެވެ. ހުނަރުވެރި ވިންގާ ޓަޑިޗް މިވަގުތު ކުޅެމުން އަންނަނީ ނެދަލެންޑްސްގެ ކުލަބު އަޔެކްސް އަށެވެ. އޭގެ ކުރިން އޭނާ ވަނީ ސައުތުހެމްޓަންއަށް ހަތަރު އަހަރު ކުޅެފައެވެ. ސާބިއާގެ ގައުމީޓީމަށް ޓެޑިޗް ކުޅެން ފެށީ 2008 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިހާތަނަށް 90 މެޗު ކުޅެދީ 18 ގޯލު ޖަހައިދީފައިވެއެވެ.
ޑޫސަން ވިލަހޯވިޗް

އުމުރުން 22 އަހަރުގެ ޑޫސަން ވިލަހޮވިޗް އަކީ މިހާރުވެސް އިޓަލީ ސެރީއާގެ އެންމެ ވިދުން ގަދަ އެއް ތަރިއެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު ފިއޮރެންޓީނާއިން ޔުވެންޓަސްއަށް ބަދަލުވި، ވިލަހޯވިޗް އަކީ ސެންޓަރ ފޯވާޑެކެވެ. އިޓަލީގެ ޔުވެންޓަސްއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިލަހޯވިޗް ސާބިއާ ޓީމަށް ކުޅެން ފެށީ 2020 ވަނަ އަހަރުގައެވެ. މިހާތަނަށް ކުޅެދިން 16 މެޗުގައި އަށް ގޯލު ޖަހައިދީފައިވެއެވެ.
ކޯޗު

ސާބިއާގެ ކޯޗުކަމާއި ޑްރަގަން ސްޓެޖްކޯވިޗް ހަވާލުވީ 2021 ވަނަ އަހަރުގަވެ. ސްޓެޖްކޯވިޗް އަކީ ކޯޗެއްގެ ގޮތުގައި މާ މަޝްޙޫރު ގަރާތެއް ނޫންނެވެ. 2008 ވަނަ އަހަރު ކޯޗިންދާއިރާއަށް ނިކުތް ސްޓެޖްކޯވިޗް މިހާތަނަށް ކޯޗު ކޮށްދީފައިވަނީ ޖަޕާން ލީގުގެ ނަގޯޔާ ކްރެމްޕަސް އެއިޓް އަށެވެ. އެޓީމާއި އެކު 2008 ވަނަ އހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް އިރުޝާދު ދިންއިރު، 2010 ވަނަ އަހަރުގެ ޖޭ ލީގާއި 2011 ވަނަ އަހަރު ޖަޕަނީސް ސުޕަކަޕް އެޓީމަށް ކާމިޔާބު ކޮށްދިނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ސްޓެޖްކޯވިޗް ގައުމީ ފެންވަރުގައި ކުރިމަތިލާ ފުރަތަމަ ބޮޑު މުބާރާތެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ގުރޫޕް ޖީގެ ފޭވަރިޓަކީ ބްރެޒިލް އެވެ. މި ގުރޫޕްގައި ބްރެޒިލްއާ އެކު އޮތީ ސާބިއާގެ އިތުރުން ސްވިޒަލެންޑް އަދި ކެމަރޫން އެވެ. ވޯލްޑް ކަޕް ކޮލިފައިނއގައި ދެއްކި ކުޅުމަށް ބަލާއިރު، މިއީ ސާބިއާއަށް ނިސްބަތުން ފަސޭހަ ގުރޫޕަކަށް ވެދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!