ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭއަށް އަނިޔާވެ މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ގެއްލުމުގެ ބިރާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މާނޭއަށް އަނިޔާވެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ބަޔާންއާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗުގައެވެ. ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗުގެ 15 ވަނަ މިނެޓުގައި ދަނޑުމަތީ ފަރުވާދިނުމަށް ފަހު އިތުރަށް އޭނާއަށް ކުޅުން ކުރިއަށް ނުގެންދެވުމުން މެޗުގެ 20 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލު ކޮށްފައެވެ. މި އަނިޔާއާއި ގުޅިގެން މި ހަފްތާ ހޮނިހިރު ދުވަހު ޝާލްކޭއާއި ބަޔާން ބައްދަލުކުރާ މެޗުގައި ވެސް މާނޭއަށް ނުކުޅެވޭނެއެވެ.

Ad
rt

މާނޭއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ބަޔާނުން ވެސް ހާމަކޮށްފައި ނުވާއިރު، އެ ކުލަބުން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މާނޭގެ އަނިޔާގެ ތަފްސީލް ލިބިގެންދާނެ ކަމަށެވެ.

ދެފަހަރު އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަޤާމް ހޯދާފައިވާ މާނޭއަކީ ސެނެގާލް ޓީމުގެ ވެސް އެންމެ މުހިންމު ކުޅުންތެރިއާއެވެ. މި އަހަރު ކުރީކޮޅު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތް މުޅިން އަލަށް ސެނެގާލުން ކާމިޔާބު ކޮށްފައިވާއިރު އެ ކާމިޔާބީގައި ވެސް މާނޭގެ ދައުރު ބޮޑެވެ. މާނޭ ވަނީ ސެނެގާލްއަށް ކުޅެދިން 93 މެޗުގައި 34 ލަނޑު ޖަހާފައެވެ. އޭނާއަކީ މިހާތަނަށް ސެނެގާލް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނޭ ސެނެގާލް ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ނުކުންނާނީ ނެދަލެންޑްސްއާއި ދެކޮޅަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ގަތަރާއި އިކުއެޑޯއެވެ.

ސެނެގާލްގެ ވޯލްޑް ކަޕް ސްކޮޑް އިޢުލާން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.