މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެމުން އަންނަ އާރްޓީއެލް ބަހުގެ ޚިދުމަތް ފުޅާކުރުމަށް އިތުރު ބަސް ރޫޓަކުން ދަތުރުތައް ފަށަން ތާވަލުކޮށްފި އެވެ.
އެމްޓީސީސީން ބުނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާރް5 ގެ ނަމުގައި ތައާރަފު ކޮށްފައިވާ އާ ރޫޓުން ދަތުރުތައް ފަށާނެކަމަށެވެ. މިއީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓުތަކާ ގުޅުވައިދިނުމުގެ ބޭނުމުގައި ތައާރަފްކުރާ ރޫޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ބަސް ރޫޓުގެ ދަތުރުތައް ފަތިހު 5:45ން ފެށިގެން ހަވީރު 6:00ށް ކުރަން ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގެ ކޮންމެ ބަސް ސްޓޮޕަކުންވެސް ބަހުގެ ޚިދުމަތް ކޮންމެ 15 މިނެޓުން ލިބޭނެއެވެ. އެކަމަކު ހުކުރު ދުވަހު ނަމާދު ވަގުތަށް ހެނދުނު 10:00ން މެންދުރު 1:00ށް މެދުކެނޑޭނެ އެވެ.
އަލަށްފަށާ ބަސް ރޫޓާއެކު އެމްޓީސީސީން ގްރޭޓަރ މާލެ ސަރަހައްދުގެ 12 ރޫޓެއްގައި ބަސް ދަތުރުގެ ޚިދުމަތް ފޯރުކޮށްދޭނެ އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބަސް ދަތުރުތަކަށް ނަގަނީ ފަސް ރުފިޔާއެވެ. ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް އާރްޓީއެލް ވެބްސައިޓުންނާއި އެޕްލިކޭޝަން ބޭނުންކޮށް ޓިކެޓް ނެގޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!