އަރިއަތޮޅު އުތުރުބުރި ފެރިދޫ ކައުންސިލުގެ ހުރިހައި މެމްބަރުން ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފި އެވެ.

ފެރިދޫ ކައުންސިލް މެންބަރުންގެ އިތުރުން ފެރިދޫގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ވެސް މިއަދު ވަނީ އެމްޑީޕީ އަށް ސޮއިކޮށްފައެވެ.

Ad
rt

މި ބޭފުޅުން އެމްޑީޕީއާ ގުޅުނީ ފަސް ދޮޅަހަށް ވުރެ ގިނަ މެންބަރުޝިޕް ފޯމާ އެކުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެރިދޫގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސް ވެސް ވަރަށް އަވަހަށް އެމްޑީޕީއާ ގުޅޭނެއެވެ.

މިއަދު އެމްޑީޕީއަށް ސޮއި ކުރި ފެރިދޫ ކައުންސިލް މެންބަރަކު ވިދާޅުވިގޮތުގައި، ރައީސް ޞާލިޙްގެ ލީޑާޝިޕް ބަލައިގަނެ، ކުރިއަށް އޮތް ތަނުގައި އެރަށު ގިނަ ބަޔަކު އަދި ވެސް އެމްޑީޕީއާ ގުޅޭނެއެވެ.

އޭނާ ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރާއި، އެމްޑީޕީގެ ލީޑާޝިޕުން އެ ބޭފުޅުންނަށް ދެއްވާ އެއްބާރުލުމާއި، ކީމަރުޙަބާ ފާގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެމްޑީޕީ އަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް މިފަހަކަށް އައިސް އިތުރުކޮށްފައިވާއިރު، ގިނަބަޔަކު އަންނަނީ ޕާޓީ އާގުޅެމުން ނެވެ.

އެގޮތުން އެޕާޓީ އުފެއްދުމުގައި އިސްދައުރެެއް އަދާކުރައްވާ، ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާފައިވާ މޫސާ މަނިކު (ރީކޯ މޫސަ) ވެސް ވަނީ އަލުން އެ ޕާޓީ އަށް ގުޅިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ހަރަކާތްތަކާ ދުރުގާ، ގާތްގަޑަކަށް 8 އަހަރު ހުންނެވުމަށްފަހު، މޫސަ ގުޅިވަޑައިގަތުމުން ޕާޓީން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ރީކޯ މޫސަ އަލުން ގުޅިވަޑައިގަތުމަކީ ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ. އަދި މޫސަ އަކީ އަބަދު ވެސް އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.