ޖަރުމަނު ލީގުގައި ބަޔާން މިޔުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭއަށް އަނިޔާ ވެއްޖެއެވެ.
ރޭ ބަޔާންގެ އަމިއްލަ ދަނޑުގައު ކުޅުނު މެޗު އެ ޓީމުން ވާޑާ ބްރެމެންގެ މައްޗަށް ކުރި ހޯދާފައި ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ލީގުގެ ބަޔާން ދައްކަމުން އަންނަ މޮޅު ކުޅުން އެ ޓީމުން ރޭގައި ވެސް ވަނީ ތަކުރާރު ކޮށްފައެވެ. ރޭގެ މެޗުގައި ބަޔާނުން ފުރަތަމަ ލަނޑުޖަހާފައި ވަނީ މެޗުގެ 5 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރ ޖަމާލް މުސިއާލާއެވެ.
ނަމަވެސް ބްރެމެންއިން ވަނީ މެޗުގެ 10 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެންތޮނީ ޔުންގްއެވެ.
މެޗުގެ 15 ވަނަ މިނެޓުގައި މާނޭގެ ކަކުލަށް އަނިޔާވުމާއި ގުޅިގެން ދަނޑުމަތީގައި ވަނީ ފަރުވާ ދީފައެވެ. ފަރުވާ ދިނުމަށްފަހު ކުޅުން ކުރިއަށް ގެންދަން އޭނާ މަސައްކަތްކުރި ނަމަވެސް، ކުޅުން ކުރިއަށް ގެންދެވޭވަރު ނުވާތީ އޭގެ ފަސް މިނެޓް ފަހުން މާނޭ ވަނީ ބަދަލު ކޮށްފައެވެ.
މެޗުގައި ބަޔާނުން ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 22 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސާޖް ގްނާބްރީއެވެ. ބަޔާންގެ ތިންވަނަ ލަނޑު 26 ވަނަ މިނެޓުގައި ކިމިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލެއޮން ގޮޓްޒާކާ ކާމިޔާބު ކޮށްދީފައިވާއިރު، ހަތަރުވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ގްނާބްރީއެވެ.
މެޗުގައި 82 ވަނަ މިނެޓުގައި ބަޔާނަށް ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީ ގްނާބްރީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެޗުގައި ބަޔާނަށް ހަވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޓެލްއެވެ.
މި ނަތީޖާއާއިއެކު ބަޔާނަށް ވަނީ ޕޮއިންޓް ތާވަލުގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ޔޫނިއަން ބާލިންއަށް ލިބިފައި ވަނީ 13 މެޗުން 27 ޕޮއިންޓެވެ. މިރޭ ޔޫނިއަން ބާލިން އަމިއްލަ ދަނޑުގައި އައުސްބާގާއި ވާދަކުރާ މެޗު ކާމިޔާބު ކޮށްގެން ބަޔާނާއި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ.
ބަޔާން އަތުން ބަލިވި ވާޑާ ބްރެމެން މިވަގުތު އޮތީ ތާވަލުގެ 7 ވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 21 ޕޮއިންޓެވެ. ރޭ ބްރޫޝިއާ ޑޯޓްމަންޑް ވަނީ ވުލްސްބާގް އަތުން 2-0 ގެ ނަތީޖާއިން ބަލިވެފައެވެ. މިވަގުތު ޑޯޓްމަންޑް އޮތީ ޕޮއިންޓް ތާވަލުގެ 4 ވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!