އިޓާލިއަން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނާއި ކްރެމޮނީޒޭއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، އެއްވަނާގައި އޮތް ނަޕޯލީން އެމްޕޯލީ ބަލިކޮށް ލީޑު ފުޅާކޮށްފިއެވެ.

ރޭ ނަޕޯލީގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 ގެ ނަތީޖާއިން އެމްޕޯލީ ބަލިކޮށްފައެވެ. މިއީ މި ސީޒަންގައި އާދަޔާ ޚިލާފް ރަނގަޅު ފޯމެއްގައި އޮތް ނަޕޯލީން އިޓާލިއަން ލީގުގައި ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ.

Ad
rt

ރޭގެ މެޗުގައި ވެސް ނަޕޯލީން ވަނީ އެ ޓީމު މި ސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުން ތަކުރާރު ކޮށްފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ނަޕޯލީން ވަނީ ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުތެރޭ އެމްޕޯލީގެ އޭރިއާތެރެއިން ލިބުނު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ނަޕޯލީގެ ފޯވާޑް ރަސްޕަޑޯރީ ފޮނުވާލިއިރު، އެ ހަމަލާ ގޮސްފައި ވަނީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގައި ނަޕޯލީން ފުރަތަމަ ލަނޑުޖަހާފައި ވަނީ 69 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ނަޕޯލީގެ ފޯވާޑް އޮސީމެންއަށް އެމްޕޯލީގެ އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީން، ލޮޒާނޯ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.

މެޗުގެ 74 ވަނަ މިނެޓުގައި އެމްޕޯލީގެ ސެބާސްޓިއާނޯ ލުޕޭޓޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާފައެވެ. ވުމާއިއެކު އެމްޕޯލީން މެޗުގެ ފަހު ފަނަރަ މިނެޓް ފުރިހަމަ ކޮށްފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ނަޕޯލީގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ލޮޒާނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޒިއެލެންސްކީއެވެ.

ރޭ ކްރެމޮނީޒޭއާއިން ވަނީ އަމިއްލަ ދަނޑުގައި އޭސީ މިލާން މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. އެ މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

މިލާން އެއްވަރުވުމުން ނަޕޯލީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ނަޕޯލީއަށް 14 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް މިލާނަށް ލިބިފައި ވަނީ 14 މެޗުން 30 ޕޮއިންޓެވެ. ނަޕޯލީ އަތުން ބަލިވި އެމްޕޯލީ މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 14 މެޗުން 14 ޕޮއިންޓެވެ. މިލާންއާއި އެއްވަރުކުރި ކްރެމޮނީޒޭއާ އޮތީ ތާވަލުގެ 18 ވަނާގައެވެ.