"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ނަމުގައި އެކްސްޕޯއެއް ބާއްވަން ނިންމައިފި އެވެ.
ހަޔަރ އެޑިޔުކޭޝަނާއި ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީ ގުޅިގެން މި އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މި ނޮވެންބަރު 18 އަދި 19 ގަ އެވެ. އަދި އެކްސްޕޯ ކުރިއަށްދާނީ މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި އެކްސްޕޯ އަކީ ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯ އެކެވެ. އަދި ޒުވާނުން ފަންނީ ހުނަރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ އެދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަކީ ވެސް މަގުސަދެކެވެ.
މީގެ އިތުރުން ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުމާއި ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހީން ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރުމަކީ ވެސް މި އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި އެކްސްޕޯގެ ތެރޭގައި، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާގެ ތަފާތު މައުޟޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންތަކެއް ވެސް ބާވްވާނެ ކަމަށެވެ.
މި ޕެނަލް ޑިސްކަޝަންތަކުގެ ބޭނުމަކީ، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ގިނަ ފަރާތްތަކަކަށް އަންގައިދީ، އެ ދާއިރާތަކުން މީހުން ބިނާކުރުމަށް މަގުފަހިކޮށް އެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެ އެވެ.
ހަމަމިއާއެކު ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާއި ދައުލަތުގެ ކުންފުނިތަކާއި ކަމާގުޅުންހުރި ބައެއް މިނިސްޓްރީތަކުން ވެސް ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯނާއި ސްކޮލަރޝިޕްތަކާއި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ މަޢުލޫމާތު ވެސް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.
މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން 30 ސްޓޯލެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.
މި އެކްސްޕޯއަކީ ވޯލްޑްބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ހަރަދުކޮށްގެން ބާއްވާ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!