މި ސީޒަންގައި ސައުތެމްޓަންގެ ނަތީޖާތައް ދަށްވުމާއި ގުޅިގެން އެ ޓީމްގެ ކޯޗުގެ މަޤާމުގައި ހުރި ރަލްފް ހަސަންހުޓްލް އެ މަޤާމުން ވަކިކޮށްފިއެވެ.

އޭނާ މަޤާމުން ވަކިކުރިކަން ހާމަކޮށް އެ ކުލަބުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މި ވަގުތަކީ އެ ޓީމްގެ މެނޭޖްމެންޓުން ޤަބޫލްކުރާ ގޮތުގައި ޓީމަށް ބަދަލު ގެންނަން އެކަށީގެންވާ ވަގުތު ކަމަށެވެ.

Ad
rt

އެ ކުލަބުން އިތުރަށް ބުނެފައި ވަނީ ހަސަންހުޓްލް ވަނީ ފާއިތުވި ދުވަސްތަކުގައި ކުލަބުގެ ކުރިއެރުމަށް މަސައްކަތް ކޮށްދީފައި ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުން ފާހަގަ ކޮށްލެވޭފަދަ ބައެއް ނަތީޖާތައް ހޯދުމުގެ އިތުރުން ކުލަބުގެ އިންފްރާސްޓަކްޗާއާއި ކުލަބުގެ ނަމާއި ކުޅުންތެރިންގެ ކުރިއެރުމަށް ވެސް އޭނާ މުހިންމު މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ.

ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން 4-1 ގެ ނަތީޖާއިން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ހަސަންހުޓްލް ބުނެފައި ވަނީ ރޭގެ މެޗުގައި ވެސް އެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތަކެއް ހޯދުނު ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ނުކުރެވުމުން ހިތާމަކުރާ ކަމަށެވެ.

އިތުރަށް އޭނާ ބުނެފައި ވަނީ އޭނާގެ ވަޒީފާ ގެއްލުމުގެ ނުރައްކަލާ މެދު ކަންބޮޑު ނުވާ ކަމަށެވެ. ނަމަވެސް އެ ޓީމުގެ ބޯޑުން ވަނީ މި ހަފްތާގެ ބުދަދުވަހުގެ ރޭ ކަރަބޯ ކަޕްގައި ޝެފިލްޑް ޔުނައިޓެޑާއި ބައްދަލުކުރާ މެޗުގެ ކުރިން އޭނާ ވަކިކުރަން ނިންމާފައި ކަމަށެވެ. މި މަހުގެ 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ދެން ޕްރިމިއާ ލީގުގައި ސައުތެމްޓަން ބައްދަލުކުރާނީ ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއެވެ.

ސައުތެމްޓަންގެ ކޯޗްގެ މަޤާމަށް ހަސަންހުޓްލް ހަމަޖައްސާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. އެއަށްފަހު އޭނާ ވަނީ ގާތްގަނޑަކަށް ހަތަރު އަހަރު އެ ކުލަބުގައި ހޭދަކޮށްފައެވެ.

މި ސީޒަންގައި ޕްރިމިއާ ލީގުގައި މިހާތަނަށް ސައުތެމްޓަނުން 14 މެޗު ކުޅެފައިވާއިރު މޮޅުވެފައި ވަނީ އެންމެ ތިން މެޗުންނެވެ. އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން އެ ޓީމް މޮޅުވެފައި ވަނީ ވެސް އެންމެ މެޗަކުންނެވެ. މިވަގުތު އެ ޓީމް އޮތީ 14 މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ތާވަލުގެ 18 ވަނާގައެވެ. ރެލިގޭޝަން ޒޯންގައެވެ.