މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ބާއްވާ ދުވަސް ފަސްކޮށްފި އެވެ.
އެ ޕާޓީން މިކަން ހާމަކުރެއްވީ އެ ޕާޓީގެ ތަރުޖަމާނު، އަނަސް އަބްދުލް ސައްތާރު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
އެ ޓްވީޓުގައި އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕްރައިމަަރީ ބާއްވާނެ ދުވަހެއް އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ.
2023ge Riyaasy inthikhaabugaa vaadhakuraane MDPge candidate aku kandaelhumattakaa primary baavvaane dhuvaheh, idhaaree gothun furihama kuranjehey kan kan furihamakurumah fahu iulaan kureveyne vaahaka dhannavan.
— Anas Abdul Sattar (@anasabdulsattar) November 6, 2022
މީގެ އިތުރުން އެމްޑީޕީން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި އަސާސީ ޤަވާއިދު އިސްލާހު ކުރިއިރު، ދާއިރާ ހިންގާކޮމެޓީތައް ހޮވާގޮތްވަނީ ބަދަލުކޮށްފައި ކަމަށެވެ. އަދި މިގޮތުން އެއްރަށަށްވުރެ ގިނަ ރަށްރަށްހިމެނޭ ދާއިރާތަކުގެ ކޮންމެ ރަށަކުން ދާއިރާގެ ނާއިބު ރައީސް، ސެކްރެޓަރީ، އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އެއް ހޮވަންޖެހޭ ކަމަށް އެ ޕާޓީން ވިދާޅުވި އެވެ.
މީގެ އިތުރުން އެއްރަށުގައި އެއްދާއިރާ ނުވަތަ އެއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތަކުގެ ކޮންމެ ދާއިރާއަކުން އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އިންތިޚާބުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު ހިނގަމުންދާ ދާއިރާހިންގާ ކޮމިޓީތަކުގެ ދައުރަށް މިމަޤާމްތަކަށް މެންބަރުން ހޮވުމަށްބާއްވާ އިންތިޚާބު 17 ޑިސެމްބަރ 2022 ގައި އޮންނާނެވާހަކަ އިއުލާނު ކުރަމެވެ. އަދި މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ބޭފުޅުން މިޕާޓީގެ ވެބްސައިޓްގައިވާ ދާއިރާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު 16 ނޮވެމްބަރ 2022 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ." އެމްޑީޕީ އިން ނެރުނު އިއުލާނެއްގައި ވެއެވެ.
އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ފަސްކޮށްފައި މިވަނީ، އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި އަންނަނީ ބަހުގެ ހަމަލާތައް ވެސް ބަދަލުކުރަމުން ނެވެ.
އެހެންނަމަވެސް ރިޔާސީ ޕްރައިމަރީ ބަދަލުކުރީ އެ ސަބަބަށްޓަކައި ނޫން ކަމަށް އެ ޕާޓީން ވަނީ ރާއްޖޭގެ ބައެއް މީޑިއާއަށް މައުލޫމާތު ދެއްވާފަ އެވެ.
ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ސޯލިހް، ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެންމެބޮޑު ޕާޓީ، ޕީޕީއެމް އިން ވާދަކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެކަން ވަނީ ރަސްމީކޮށް އިއުލާނު ވެސް ކުރައްވާފަ އެވެ.
މިއަހަރުގެ އޮގަސްޓް މަހު ޕީޕީއެމް އިން އެ މަނިކުފާނަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރައްވާފައިވަނީ ޕްރައިމަރީއަކާ ނުލައެވެ.
ޕީޕީއެމްގެ ސެނެޓުގެ އިއްތިފާގުން ޔާމީނަށް ރިޔާސީ ޓިކެޓު އަރުވާފައިވާއިރު، އެމަނިކުފާނު މިހާރުގެންދަވަނީ ރާއްޖޭގެ އެކިރަށްރަށަށް ކެމްޕޭން ދަތުރުތައް ވެސް ކުރައްވަމުން ނެވެ.
އެގޮތުން އެމަނިކުފާނު މިހާރުވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ. އޭގެ ކުރިން ވަނީ ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފަ އެވެ. އަދި ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫ އަށް ވެސް ވަނީ ވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!