އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް ފަހުވަގުތު ހާލަންޑް ލަނޑުޖަހައި ސިޓީ މޮޅުކޮށްދީފިއެވެ.

ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ފުލަމްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނެތީޖާއިންނެވެ.

Ad
rt

އަނިޔާގެ ސަބަބުން ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ހާލަންޑު ކުޅެފައި ނުވާއިރު، ރޭގެ މެޗުގެ ވެސް ހާލަންޑް ފަށާފައި ވަނީ ބެންޗުންނެވެ. ހާލަންޑްގެ ބަދަލުގައި ގާޑިއޯލާ ފުރަތަމަ އެގާރައިން ޖާގަ ދީފައި ވަނީ އެ ޓީމްގެ ޒުވާން ފޯވާޑް އަލްވަރޭޒަށެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ސިޓީންނެވެ. މި ލަނޑު 16 ވަނަ މިނެޓުގައި ގުންޑަގަން މެދުތެރެއިން ބޯޅަ ހިފައިގެން ވަދެ ފުލަމްގެ އޭރިއާތެރެއަށް ތިރިން ކުޅުނު ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އަލްވަރޭޒްއެވެ. އޭނާ ފޮނުވާލު ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ހުރަސް ދަނޑީގައި ވެސް ޖެހިފައެވެ.

ފުލަމުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕެރޭރާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ޕެނަލްޓީއަކީ ސިޓީގެ ޑިފެންޑަރ ކެންސެލޯ އެ ޓީމްގެ އޭރިއާތެރެއަށް ހުހަށް ބޯޅަ ހިފައިގެން ވަތް ހެރީ ވިލްސަންއަށް ކުރި ފައުލާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ފައުލާއި ގުޅިގެން ރެފްރީވަނީ ކެންސެލޯއަށް ސީދާ ރަތްކާޑު ދައްކާފައެވެ. ވުމާއިއެކު މެޗުގެ ބޮޑުގައި ސިޓީން ކުޅެފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ ދެވަނަ ހާފުގައި ހާލަންޑް ކުޅެންއަރައި ބޮލުން ގޯލެއް ކާމިޔާބު ކޮށްދިން ނަމަވެސް ވީއޭއާރުން ބަލައި، އެ ލަނޑު ހާލަންޑް ކާމިޔާބު ކޮށްފައި ވަނީ އޮފްސައިޑްގައި ހުރެކަން ޔަޤީން ވުމުން ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

ސިޓީ މެޗުން މޮޅުވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގެ 5 މިނެޓްގެ ތެރޭގައި ފުލަމްގެ އޭރިއާ ތެރެއިން ޑިބްރޭނާއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީން ހާލަންޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ހާލަންޑް ކީޕަރުގެ ކަނާއަތް ފަރާތު ކަނަށް ތިރިތިން ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ފުލަމްގެ ކީޕަރު ލެނޯގެ އަތުގައި ވެސް ޖެހިފައެވެ.

މި މެޗުން މޮޅުވުމާއިއެކު ސިޓީ އެއްވަނައަށް ޖެހިލާފައި ވަނީ އާސެނަލްއަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ސިޓީ މިވަގުތު އެއްވަނާގައި އޮތީ 13 މެޗުން ލިބުނު 32 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އާސެނަލް އޮތީ 12 މެޗުން ލިބުނު 31 ޕޮއިންޓާއި އެކުގައެވެ. މިއަދު ހަވީރު ޗެލްސީގެ ދަނޑުގައި އާސެނަލް ނުކުންނާނީ ޗެލްސީއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު އާސެނަލަށް އެބައޮތެވެ. މި މެޗުން ބަލިވި ފުލަމް މިވަގުތު އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ލީޑްސްއާއި ބޯންމައުތު ބައްދަލުކުރި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ލީޑްސްއެވެ. ބްރެންޓްފޯޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވުލްވްސް އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއިން ބްރައިޓަން އަތުން ބަލިވިއިރު، ލެސްޓާ ސިޓީ ވަނީ 2-0 ގެ ނަތީޖާއިން އެވަޓަން ބަލިކޮށްފައެވެ.

ޕްރިމިއާ ލީގުގައި މިއަދު ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. 17:00 ގައި ޗެލްސީއާއި އާސެނަލް ބައްދަލުކުރާއިރު، 19:00 ގައި ޔުނައިޓެޑް ނުކުންނާނީ އެސްޓަންވިލާއާއި ދެކޮޅަށެވެ. މިރޭ 21:30 ގައި ލިވަޕޫލް ބައްދަލުކުރާނީ ޓޮޓެންހަމާއެވެ.