މިހާރު ކުރިޔަށްދާ ޓީ20 ކްރިކެޓް ވޯލްޑްކަޕްގައި ޒިމްބާބުއޭގެ ގައުމީ ޓީމުން އިންޑިއާ ބަލިކޮށްފި ނަމަ އެ ގައުމުގެ މީހަކާއި ކައިވެނި ކުރާނެ ކަމަށް ޕާކިސްތާނުގެ އެކްޓްރެސްއެއް ކަމަށްވާ ސޭހަރް ޝިނަވާރީ ބުނެފި އެވެ.

މި މުބާރާތުގައި އެންމެ ވާދަވެރި ޓީމުތަކަކީ އިންޑިއާ އާއި ޕާކިސްތާނެވެ. ދެ ގައުމުގެ ރައްޔިތުން އެއްގައުމު އަނެއް ގައުމަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެމުންދާއިރު ސޭހަރް ދަނީ އިންޑިއާ ކުޅޭ ކޮންމެ މެޗަކާއި ދިމާކޮށް މިކަހަލަ ފޯރި ނެގޭކަހަލަ ވާހަކަ ދައްކަމުންނެވެ.

Ad
rt

ސޭހަރް ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާދަމާ ކުޅޭ އެ މެޗުގައި މުއުޖިޒާތަކުން ނަމަވެސް ޒިމްބާބުއޭއަށް އިންޑިއާ ބަލި ކުރެވިއްޖެ ނަމަ އޭނާ ޒިމްބާބުއޭ ފިރިހެނަކާއި އިންނާނެ ކަމަށެވެ.

ސޭހަރްގެ ޓުވީޓާއި ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ފޯރި ނަގަމުންނެވެ. އެގޮތުން އޭނާއަށް ޓަކައި ހިތާމަ ކުރާ ކަމަށާއި ސޭހަރް އެދުނު ގޮތަށް ނުވެ އުމުރު ދުވަހު އޭނާ އިންނާނެ މީހަކު ނުވެފައި ހުންނަން ޖެހިދާނެ ކަމަށް ބުނެފައިވެ އެވެ.

އެހެން މީހަކު ވަނީ އެ ޓުވީޓު ޑިލީޓް ނުކުރުމަށް ގޮވާލާފައި އެވެ.

ޝޭހަރްގެ މި ޓުވީޓު އައިސްފައި މިވަނީ ޒިމްބާބުއޭއާއި ބައްދަލު ކުރި މެޗުގައި ޕާކިސްތާނު ގައުމީ ޓީމު އެންމެ ޕޮއިންޓަކުން ބަލިވެފައި ވަނިކޮށެވެ. ޕާކިސްތާން މި މުބާރާތުގައި ދެން ބައްދަލު ކުރާނީ ބަންގްލަދޭޝް އާއި އެވެ.