ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ދާއިރާތަކުގެ ވޯޓުލުން ފަށައިފި އެވެ.
އެ ޕާޓީން ވިދާޅުވީ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ. އަދި ވޯޓުލުން ކުރިއަށްދަނީ ހެންވޭރު ދަނޑުގައި ކަމަށެވެ.
މީގެ އިތުރުން މާލެ އާއި އިންތިހާބު ބާއްވާ ދާއިރާތަކުގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް ވެސް އެ ޕާޓީން ވިދާޅުވި އެވެ.
އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާއިރު، އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ވަނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަރުވާފަ އެވެ.
ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމަަށްފަހު، އެމަނިކުފާނަށް ގެންދަވަނީ އަތޮޅުތަކަށް ދަތުރުފުޅު ކުރައްވަމުން ނެވެ. އެގޮތުން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފައްޓަވާނެ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި އެ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ.
ރިޔާސީ ޓިކެޓް ލިބިވަޑައިގެންފަހުން، އައްޑޫ ސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެސިޓީގެ ތަރައްގީއަށާއި ޔާމީންގެ ފަރާތްޕުޅުން އެ ސިޓީއަށް ކޮށްދެއްވަން ބޭނުންވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލާނެ ކަމަށާއި ޔާމީން އައްޑޫއާ ދޭތެރޭ ދެކެވަޑައިގަންނަވާ ތަސައްވަރު ހާމަކުރައްވާނެ ކަމަށް ޕީޕީއެމް އިން ވަނީ ވިދާޅުވެފަ އެވެ.
ޔާމީން ވަނީ ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފަ އެވެ. އަދި ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫ އަށް ވެސް ވަނީ ވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!