ޖަރުމަނަކީ ދުނިޔޭގެ ފެންވަރުގައާއި ޔޫރަޕްގެ ފެންވަރުގައިވެސް ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ވޯލްޑްކަޕު ޗެމްޕިއަން ހަތަރު ފަހަރަށް ހޯދި ޖަރުމަން އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ދިމާވި ހިތްދަތިކަމުގެ އަސަރު އަދިވެސް ފިލާ ނުދާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށް، ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕާ ޗެމްޕިއަނެއްގެ ގޮތުގައި ކުރިމަތިލި ޓީމު، މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓައިގެން ދިއުމަކީ، އެ ގައުމުގެ ފުޓްބޯޅަ އަށް ލިބުނު ބޮޑު ހިތާމައެވެ. ނަމަވެސް މިފަހަރު ގަތަރު ވޯލްޑްކަޕަށް ޖަރުމަން ކުރިމަތިލަނީ މި ހިތްދަތިކަން ފިލުވާލާ އަލުން ވޯލްޑް ކަޕް ކާމިޔާބު ކުރިމުގެ އަޒުމުގައެވެ. މިފަހަރުގެ މުބާރާތާއި ޖަރުމަން ކުރިމަތި ލަނީ ޓޮޕް ފޭވަރިޓްގެ ގޮތުގަ އެވެ.

Ad
rt

ޖަރުމަނުން ވަނީ މިހާތަނަށް 19 ވޯލްޑް ކަޕުގައި ކުޅެފައެވެ. މިއީ އެ ޓީމުގެ 20 ވަނަ ވޯލްޑް ކަޕެވެ. މިހާތަނަށް އެޓީމުން ކުޅުނު 19 ވޯލްޑް ކަޕުގެ ތެރެއިން ހަތަރު މުބާރާތުގެ ތަށިި އުފުލާލާފައިވެއެވެ، އަދި ހަތަރު މުބާރާތެއްގެ ފައިނަލުގައި ވަނީ ކުޅެފައެވެ.

ކޮލިފައިވީ ގޮތް

ޔޫރަޕް ޒޯން ވޯލްޑްކަޕު ކޮލިފައިން ބުރުގައި އެންމެ ރަނގަޅު ރެކޯޑެއް ހޯދީ ޖަރުމަނުންނެވެ. ކުޅުނު 10 މެޗުގެ ތެރެއިން އެއްމެ މެޗެއް ފިޔަވައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި އެވެ. ޔޫރަޕްގެ ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހި ދެ ޓީމުގެ ތެރެއިން އެއް ޓީމަކީވެސް ޖަރުމަނެވެ. ކޮލިފައިގައި އެ ޓީމުން 36 ގޯލް ޖެހި އެވެ. އެ ޓީމު ކޮޅަށް ވަނީ އެންމެ ހަތަރު ލަނޑެވެ. ގުރޫޕްގެ ދެ ވަނަ ހޯދި ނޯތް މެސެޑޯނިއާގެ މައްޗަށް 9 ޕޮއިންޓްގެ ލީޑެއް ޖަރުމަނުން ހޯދި އެވެ.

މުހިންމު ކުޅުންތެރިން

މެނުއެލް ނޯޔާ

ޖަރުމަންގެ ކެޕްޓަން އަދި ބަޔާން މިޔުނިކުގެ ގޯލް ކީޕަރު މެނުއެލް ނޯޔާ އަކީ ދުނިޔެ ދުއް އެންމެ މޮޅު ގޯލް ކީޕަރުންގެ ތެރޭގައި ހިމެނޭ ގޯލް ކީޕަރެކެވެ. 2014 ވަނަ އަހަރު ބެރްޒިލްގައި ބޭއްވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލި އިރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރީ ނޯޔާއެވެ. އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުކަންވެސް ހޯދާފައެވެ. މީގެ އިތުރުން ފަސް ފަހަރު ޔޫރަޕްގެ އެންމެ މޮޅު ގޯލް ކީޕަރުކަން ވެސް ހޯދިއެވެ. މިފަހަރުގެ ވޯލްޑް ކަޕަށްވެސް ޖަރުމަން ނިކުންނައިރު، އެޓީމުގެ ގޯލް ބަލަހައްޓާނީ ނޯޔާއެވެ. ޖަރުމަންގެ ޔޫތް ޓީމުން ވިދާލި ނޯޔާ ޖައުމަންގެ ސީނިއަރ ޓީމަށް ކުލެން ފެށީ 2009 ވަނަ އަހަރުގައެވެ. މިހާތަނަށް 113 މެޗު ޖަރުމަން ޓީމަށް ވަނީ ކުޅެދީފައެވެ.

ތޯމަސް މުލާ

ތޯމަސް މުލާ އަކީ މިފަހަރުގެ ވޯލްޑް ކަޕަށް ޖަރުމަން ޓީމު ނިކުންނައިރު، ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާ ކާރު ފޯވާޑެވެ. މުލާ އަކީ ފޯވާޑެއްގެ އިތުރުން އެޓޭކިން މިޑްފީލްޑަރެއްވެސް މެއެވެ. މިފަހަރު ޖަރުމަން ޓީމު ނިކުންނާނީ މުލާގެ ކެޕްޓަންކަމުގެ ދަށުންނެވެ. 2010 ، 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މުލާ ކުޅުނެވެ. މުލާ ވަނީ ވޯލްޑް ކަޕްގައި ކުޅުނު 16 މެޗުގައި 10 ގޯލް ޖަހައިފައެވެ. މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައިވެސް މުލާ ތިން ގޯލު ޖެހިއެވެ. 2010 ވަނަ އހަރު ޖަރުމަން ޓީމަށް ކުޅެންފެށި މުލާ ވަނީ މިހާތަނަށް ކުޅެދިން 118 މެޗުގައި 44 ގޯލު ޖަހައިދީފައެވެ.

ކޯޗު

ހަންސި ފްލިކް ޖަރުމަން ގައުމީ ޓީމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. ފްލިކް އަކީ މީގެ ކުރިން ޖަރުމަން ޓީމުގެ އެސިސްޓެންޓް ކޯޗެވެ. އޭނާ ޓީމާއި ހަވާލުވީ ކުރިން ކޯޗަކަށް ކުރި ޖޯކިމް ލޯ 2020 ވަނަ އހަރުގެ ޔޫރޯ އަށް ފަހު މަގާމުން ވަކިވުމުނެވެ. މިއީ ފްލިކްސް ގެ ކޯޗުކަމުގައި ޖަރުމަން ނިކުންނަ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ. ފްލިކްސްގެ ކޯޗުކަމުގައި ޖަރުމަން މިހާތަނަށް 15 މެޗު ކުލެފައިވާއިރު، ނުވަ މެޗުން ވަނީ މޮޅުވެފައެވެ. ފަސް މެޗު އެއްވަރުވިއިރު، ބަލިވީ އެއްމެ މެޗަކުންނެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ޖަރުމަން ހިމެނެނީ ސްޕެއިންއާއި ކޮސްޓަރިކާ އަދި ޖަޕާނާއި އެކު ގުރޫޕު އީގައެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުން މި ގުރޫޕުގެ ފޭވަރީޓަކީ ޖަރުމަނެވެ. އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ފޭވަރިޓަކީ ސްޕެއިންއެވެ. ކޮންމެއަކަސް ސްޕެއިން އަދި ޖަރުމަނަކީ މި ގުރޫޕުން ދެވަނަ ބުރު ޔަގީން ކުރާނެ ދެ ތީމުކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޖައުމަނަށް މި ގިގުރޫޕަކީ އުނދަގޫ ގުރޫޕެއް ކަމަށް ނުބެލެވެއެވެ.