ޔުއެފާ ޔޯރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ ރެއާލް ސޮސިއެޑާޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު، ޔުނައިޓެޑުން ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް ޕްލޭ އޮފްގައި ވާދަކުރަން ޖެހިއްޖެއެވެ.
ރޭ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ޔޫރޮޕާ ލީގުގެ މި ސީޒަންގައި ސޮސިއެޑާޑް ބަލިވި ފުރަތަމަ މެޗެވެ.
ރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 17 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ އާޖެންޓީނާ ފޯވާޑް ގަނާޗޯއެވެ.
މެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖަހަން ޔުނައިޓެޑުން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ސޮސިއެޑާޑުން ވަނީ ޔުނައިޓެޑަށް ލަނޑުޖަހާނެ ފުރުޞަތެއް ނުދީ ހިފަހައްޓާފައެވެ. ހާއްސަކޮށް އެ ޓީމްގެ ޑިފެންޑަރުންގެ މޮޅު ކުޅުން މެޗުގައި ފާހަގަވެގެން ދިޔައެވެ.
މި މެޗަށް ޔުނައިޓެޑް ނުކުތްއިރު ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައި ދެވަނަ ބުރުން ޖާގަ ކަށަވަރު ކުރުމަށް ބައިކޮޅަށް ލަނޑެއް ނުވަދެ ދެ ލަނޑުގެ ތަފާތަކުން ސޮސިއެޑާޑް ބަލިކުރުން އޮތީ މަޖުބޫރުވެފައެވެ. ނަމަވެސް ރޭ އެއް ލަނޑުގެ ތަފާތަކުން ޔުނައިޓެޑް މޮޅުވުމުން ކުޅުނު 6 މެޗުން ލިބުނު 15 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ ލިބި ސޮސިއެޑާޑް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި ޔުނައިޓެޑް ވެސް އޮތީ 6 މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ.
ޕްލޭއޮފް ބުރުގައި ޔުނައިޓެޑް ވާދަކުރަން ޖެހޭނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުން ޔޫރޮޕާ ލީގަށް ސޮއްސާލި ޓީމުތަކުގެ ތެރެއިން ޓީމަކާއެވެ. އެ ޓީމްތަކުގެ ތެރޭގައި ޔޫރަޕުގެ ބޮޑެތި ނަންތައް ހިމެނެއެވެ. މިގޮތުން އިޓަލީގެ ޔުވެންޓަސްއާއި ސްޕެއިންގެ ބާސެލޯނާ ވެސް ހިމެނެއެވެ. ދެން ހިމެނޭ ޓީމްތަކުގެ ތެރޭގައި އަޔެކްސް، ސެވިއްޔާ، ސްޕޯޓިން، ބަޔާން ލެވަކޫސެންގެ އިތުރުން ރެޑްބުލް ސަލްޒްބާގް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!