މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ) ދެން މަސައްކަތް ކުރާނީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް އެ ޕާޓީން ނިންމައިފިއެވެ.
މިގޮތަށް ނިންމީ އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލް އިންތިޚާބު ވުމަށްފަހު ރޭ ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުގައެވެ.
އެމްއެންޕީގެ އޮފީހުގެ ކޮންފަރެންސް ރޫމްގައި ބޭއްވި މި ބައްދަލުވުމުގައި އެ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ 52 މެންބަރުން ބައިވެރިވިކަމަށް އެމްއެންޕީން ބުނެއެވެ.
ރޭގެ މި ބައްދަލުވުމުގައި، ރާއްޖޭގެ ސިޔާސީ މައިދާނުގައި އެ ޕާޓީގެ ސްޓޭންޑް ކަނޑައެޅުމަށް ހުށަހެޅުން ހުށަހެޅުއްވީ އެ ޕާޓީގެ އެއް ނާއިބު ރައީސް އަޙްމަދު ޝަރީފެވެ. ޝަރީފް ހުށަހަޅުއްވީ އެމްއެންޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، ސަރުކާރު ޒިންމާދާރުކުރުވާ ޕާޓީގެއެއްގެ ގޮތުގައި އޮތުމަށެވެ. މިހުށަހެޅުމަށް ތާޢީދުކުރެއްވީ އެ ޕާޓީގެ ނާއިބު ރައީސް ޙުސައިން އިސްމާޢީލެވެ.
މިހުށަހެޅުމަށް ކުރެވުނު ބަހުސްގައި ރައްޔިތުންނަށް މަންފާހުރި ކަންކަމަށް ސަރުކާރުން އެންމެ އެކަށީގެންވާ އިޖާބަ ނުދޭކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ނުވާ ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީން ކުރާ މަސައްކަތްތަކަށް ވެސް އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ، ކައުންސިލް މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
މިހުށަހެޅުމަށް ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަން ކޮމިޝަން (އީސީ)އިން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެމްއެންޕީ ވުޖޫދަށް ގެނައުމުގެ ކަންކަމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އޭގެފަހުން އެ ޕާޓީ އަންނަނީ ހަރަކާތްތެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ޕާޓީ އުފެދުނުފަހުން އައި ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވަނީ ވާދަކޮށްފައެވެ. އަދި ޑަބްލިއުޑީސީތަކުގެ ގިނަ ބައި އިލެކްޝަންތަކުގައި އަންނަނީ ވާދަ ކުރަމުންނެވެ. މިގޮތުން ބޮޑެތި ޕާޓީތަކާއި ވާދަކޮށް ޑަބްލިއުޑީސީގެ ބައެއް ގޮނޑިތައް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!