އިސްރާއީލްގައި ހުރި ނިއުކްލިއާ ހަތިޔާރުތައް ނައްތާލައި އެފަދަ އާލާތްތައް އުފައްދާ ކާރުހާނާތައް ބަލާ ފާސްކުރުމުގެ ހުއްދަދިނުމަށް ގޮވާލާ އދ. ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

މިއީ އާންމު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ފާސްކުރި ގަރާރެކެވެ. މި ގަރާރު ހުށަހެޅި މިސްރުން ބުނެފައިވަނީ ނިއުކްލިއާ ހަތިޔާރަށް މެދުއިރުމަތީގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް ކަމަށެވެ.

Ad
rt

މިސްރުން ހުށަހެޅި މި މައްސަލައިގަ މެދުއިރުމަތީގެ ގައުމުތަކަށް ނިއުކްލިއާގެ ނުރައްކާތެރިކަން އެންމެ ބޮޑަށް އޮތީ އިސްރާއީލްގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް އީރާންގެ ނަން ހިމަނާފައިއެއް ނުވެ އެވެ.

މި ގަރާރު އިސްރާއީލާއި ދެކޮޅަށް ފާސްކުރީ ވޯޓުގައި ބައިވެރިވި، 152 ގައުމުގެ ވޯޓާއި އެކު އެވެ. ދެކޮޅަށް ފަސް ގައުމު އޮތެވެ. އެއީ އެމެރިކާ، ކެނެޑާ، އިސްރާއީލް، މިކްރޮނީސިއާ އަދި ޕަލާއު އެވެ. ވަކި ކޮޅަކަށް ވޯޓު ނުދޭ 23 ގައުމެއްގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ އެއްވެސް ގައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ގަރާރުގައި ބުނެފައިވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިންސްޕެކްޓަރުން އިސްރާއީލްގެ ނިއުކްލިއާ ކާރުހާނާތައް ބެލުމަށް ދިއުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.

އިސްރާއީލުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މީގެ ކުރިން ވިދާޅުވީ މައްސަލަ ހުށަހެޅި ފަރާތުން އަމިއްލައަށް ސުވާލު ކުރުމުން ނިއުކްލިއާ އުފައްދާ ގައުމުގެ ގޮތުގައި އިސްރާއީލް ހިމަނައި އީރާން ނުހިމެނުމުން ނުފުދޭ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި މަޑުޖައްސާލުމެއް ނެތި ހާމަކަން ބޮޑު ގޮތެއްގައި އީރާނުން ދަނީ ނިއުކްލިއާ ފައްކާ ކުރަމުންނެވެ.